ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުން އޮތީ ރައީސް ސޯލިހު، މިހާރު ލައްކާއަށް ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 72.97 ޕަސެންޓް މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 59.07 ޕަސެންޓް މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭއަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ 2020 ޖުލައި ގަ އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް 700،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.