ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާދިނުމުގައި އިސްކޮށް އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ހިމެނޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.

އޭނާ އަކީ އެ ހަމަލާ ދިނުމުގައި އަމަލީގޮތުން އުޅުނު މީހުންނަށް ވިސްނުވައިދީ އެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

ތަސްލީމް ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީންނެވެ.

އޭނާ އަކީ ބޮމެއް ހަދަން އުޅުނު މައްސަލައެއްގައި މީގެކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ މާލޭގައި ހިންގާ އެޓިކް އިންޓަނޭޝަނަލް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި 2017 ވަނަ އަހަރު ބޮމެއް ހަދަން އަމަލީގޮތުން އުޅެނިކޮށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

2017 ވަނަ އަހަރުގެ އެޕްރީލް 24 ވަނަ ދުވަހު އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތައް ހުށަހަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ދޫކޮށްލާފައިވާ މީހެކަށް ވެސް ސީޕީ ވިދާޅުވިއެވެ.