ޕްރިންސެސް ޑަޔާނާއާއި އިނިގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސްގެ ކައިވެންޏަކީ ވިހިވަނަ ގަރުނުގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކައިވެންޏެވެ. އެކަމަކު އެ ކައިވެނި ނިމިގެންދިޔައީ ކަރުނަ އާއި ތުހުމަތުތަކަކާއި ނުރައްކާތެރި ހާދިސާއެއްގެ ތެރެއިންނެވެ. އެކަމަކުގެ އަސަރު އަދިވެސް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި އެބަ އޮތެވެ.

ރައީސުންނާއި ބޮޑުވަޒީރުން އަދި ޝާހީ ލަގަބު ލިބިފައިވާ އެކި ބޭފުޅުން ބައިވެރިވި އެ ކައިވެނީގެ ހަފުލާ 750 މިލިއަން މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުން ބެލި އެވެ.

ޖުލައި 29، 1981 ވަނަ އަހަރު ލަންޑަންގައި ހުންނަ ސެއިންޓް ޕޯލްސް ކެތީޑްރަލްގައި ބޭއްވި އެކައިވެނީގެ މަތިން އަދިވެސް ގިނަ ބަޔަކު ހަނދާން ހުރެ އެވެ.

މި މަހުގެ 29 ވަނަ ދުވަހު އެކައިވެންޏަށް 40 އަހަރު ފުރޭއިރު މި ކައިވެންޏަކީ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ ކައިވެންޏެކެވެ.

އާއްމުންގެ ލޯތްބާއި ސަމާލުކަން

އުމުރުން 32 އަހަރުގެ ޗާލްސްއާއި 20 އަހަރުގެ ޑަޔާނާގެ ކައިވެންޏަކީ އިނގިރޭސި ޝާހީ އާއިލާގެ ޕްރޮޓޮކޯލްގެ ދަށުން ކުރެވުނު ކައިވެންޏަކަށް ވީއިރުއެ އެ ކައިވެންޏަށް ވަނީ އިނގިރޭސިވިލާތާއި މުޅި ދުނިޔޭގެ ސަމާލުކަން ވެސް ލިބިފަ އެވެ.

އެ ކައިވެނީގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ ބަކިންހަމް ޕެލަސްގެ ބެލްކަނީގައި ހުރެ ޑަޔާނާއަށް ޗާލްސް ދިން ދޮނެވެ. ޖެހިގެން އައި ދުވަހު އެ ފޮޓޯ މުޅި ދުނިޔޭގެ ހުރިހާ ނޫސްތަކުގެ ބޭރުގަނޑުގައި ޖެހި އެވެ. އަދި އަސްގާޑިޔަލެއްގައި ބިއްލޫރި ކޮއްޓެއްގައި ދެ މީހުން ކުރި ދަތުރުގެ ފޮޓޯ ވެސް ބެކްޑްރޮޕްތަކުގަ އާއި ނޫސްތަކުގައި ޖަހައި، ވަރަށް މަޝްހޫރުވެގެންދިޔަ އެވެ.

ކައިވެނި ހެދުން

މި ކައިވެނީގައި ޑަޔާނާ ލައިގެންހުރި ހެދުމަކީ ވެސް އެހާމެ ހާއްސަ އެކައްޗެވެ. ބިސްހުދު ކުލައިގެ އެ ހެދުމުގެ ފަސްބައިގައި 7.5 މީޓަރު (22 ފޫޓު) ހުރިއިރު އެ ހެދުމުގައި ޑައާނާ ފެނިގެން ދިޔައީ ވަރަށް ޗާލު ކޮށެވެ. އެ ހެދުމުގެ ފަސްބައިގައި ހިފައިގެން ތިބީ ބްރައިޑްސްމެއިޑްސް އާއި އެކަމަށް ހާއްސަކޮށްގެން ހޮވި 2،500 މެހުމާނުންނެވެ.

އަސަރުގަދަ ވަގުތުކޮޅު

ޗާލްސް އާއި ޑަޔާނާ ކައިވެނިކުރި ވަގުތަކީ އިނގިރޭސި ޝާހީ އާއިލާގެ ހުރިހާ މެމްބަރުންނަށް ވަރަށް ޖަޒުބާތީ ވަގުތުކޮޅަކަށްވި އެވެ. އެގޮތުން ޗާލްސްގެ މާމާފުޅާއި މަންމާފުޅުގެ ލޮލުން ކަރުނަ ފޭދިފައިވި މަންޒަރު ޓީވީތަކަށް ފެނިފައިވެ އެވެ.

އިނގިރޭސިވިލާތުގެ ޓީވީތަކުން ބުނެފައި ވަނީ އެއީ އެންމެ ފުރިހަމައަށް ބޭއްވި ހަފުލާ ކަމަށާއި އެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށެވެ.

ކައިވެނި ރޫޅުން

ޗާލްސް ކައިވެނިން ބޭރުން އެހެން އަންހެނަކާ ގުޅުމެއް ބޭއްވިކަން އާއްމުވި ހިސާބުން އޭނާއާއި ޑަޔާނާގެ ކައިވެނީގައި މައްސަލަތައް ޖެހެން ފެށުނެވެ. އެންމެ ފަހުން މައްސަލަތައް ބޮޑުވެ، 1992 ވަނަ އަހަރު ދެ މީހުން ވަކިވެ، އޭގެ ހަތަރު އަހަރު އަހަރު ފަހުން ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ.

އެ ދެމީހުންގެ ކައިވެނި ރޫޅުނުތާ އެއް އަހަރު ތެރޭގައި 1997 ވަނަ އަހަރު ޕެރިސްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވެފައި ވާއިރު މިކަމުގެ ސަބަބުން އިނގިރޭސި ޝާހީ އާއިލާއަށް ވަނީ ގިނަ ތުހުމަތުތަކެއް އަމާޒުވެފަ އެވެ.

2005 ވަނަ އަހަރު ޗާލްސް ދެވަނަ ކައިވެންޏެއް ކޮށްފައިވާއިރު އެ ކައިވެނީގެ ބައިވެރިޔާ ކަމެއްލާ ޕާކަރު ބަވްލްސްއަކީ ޗާލްސްއާއި ޑައާނާގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.