ބޮލީވުޑްގެ ސުޕަ ސްޓާރު ސަލްމާން ޚާން އަތިޔާ ޝެޓީގެ ކިބައިން މާފަށް އެދެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާގެ ކިބައިން ސަލްމާން މާފަށް އެދިފައި ވަނީ އޭނާގެ ކޮއްކޮ ޑައިރެކްޓަރު އަދި އެކްޓަރު އަރުބާޒް ޚާން ހުށަހަޅައިދޭ ޗެޓް ޝޯއެއްގައި ބައިވެރިވެ ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

މި ޗެޓް ޝޯގައި އަރުބާޒް ވަނީ ސަލްމާން ޚާން އިންސްޓަގްރާމްގައި ފޮލޯނުކުރަނީ ކޮން ފަންނާނަކަށްތޯ ސުވާލުކުރި އެވެ.

ކެތުރީނާ ކެއިފްއާއި ސަންޖީތާ ބިޖްލާނީއާއި އަދި އަތިޔާ ޝެޓީގެ ތެރެއިން އިންސްޓަގްރާމްގައި ފޮލޯ ނުކުރަނީ ކާކަށްތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ސަލްމާން ބުނެފައި ވަނީ އެއީ ސަންޖީތާ ކަމަށެވެ. ނަމަވެސް ސަލްމާންގެ މި ޖަވާބު ނުބައި ކަމަށާއި ސަލްމާން އިންސްޓަގްރާމްގައި ފޮލޯ ނުކުރަނީ އަތިޔާ ޝެޓީކަމަށް އަރުބާޒް ވަނީ ބުނެފަ އެވެ.

މިހެންވުމުގެ ސަބަބުން ސަލްމާން ޚާން ވަނީ އަތިޔާ ޝެޓީގެ ކިބައިން އެ ޝޯގެ ތެރޭގައި މާފަށް އެދިފަ އެވެ. އަދި ވަރަށް އަވަހަށް އަތިޔާ ފޮލޯކުރަން ފަށާނެ ކަމަށް ވެސް ސަލްމާން ޚާން ވަނީ ބުނެފަ އެވެ.