މިދިޔަ އަހަރު، ފެޝަން ދާއިރާއަށް ކުއްލި ސިހުމެއް ގެނުވި އެއް ހަބަރަކަށް ވެގެންދިޔައީ މަޝްހޫރު މޮޑެލް ހަލީމާ އެއިޑެން، މޮޑެލިންގެ ކެރިއަރު ނިންމާލި ހަބަރެވެ.

ދާދި ފަހުން، ބީބީސީގެ ފެޝަން ޑިޒައިނަރު ޓޮމީ ހިލްފިގާއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ހަލީމާ ބުނީ، ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ފޮޓޯ ނެގި ކޮންމެ ޝޫޓެއްގައި ވެސް އޭނާގެ ބުރުގާ ސްޓައިލްކޮށްދިނީ އޭނާގެ ޓީމުން ކަމަށާއި، މިގޮތަށް ސްޓައިލްކުރުމުގައި ބައެއް ފަހަރު ލާން ގެންގުޅޭ ޖީންސް، އެ މީހުން ބުރުގަލުގެ ގޮތުގައި ވެސް ބޭނުންކުރި ކަމަށެވެ. މިކަމުގެ ސަބަބުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ގެއްލޭ ހިސާބަށް ދިޔަ ކަމަށާއި، އޭނާގެ ބުރުގާ ދިޔައީ ކުޑަވަމުން ކަމަށެވެ.

ހަލީމާގެ މި ވާހަކަތަކަށް އިޝާރާތްކޮށް، ޑިޒައިނަރު ޓޮމީ ހަލީމާ ނިންމި ނިންމުމާއި މެދު ފަޚުރުވެރިކަމާއެކު ހުރުމަށް ވަނީ ހިތްވަރުދީފަ އެވެ.

ހަލީމާ ގަބޫލުކުރާގޮތުގައި އޭނާގެ މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެ މީހުންގެ އަމިއްލަ އަޑު ކުރިއަށް ނެރުމުގެ ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށާއި، އަދި އެކަމާ އޭނާ އުފާކުރާ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ހަލީމާ ބުނެފައި ވަނީ އޭނާގެ މޭކަމް ޓީމުން، އޭނާގެ ބުރުގާ ސްޓައިލްކުރުމުގައި ގެންގުޅު ގޮތްތަކުގެ ސަބަބުން އޭނާއަށް އޭނާއަކީ ކާކުކަން އޮޅޭ ހިސާބަށް ކަންކަން ދިޔަ ކަމަށެވެ.

ހަލީމާ އެއިޑެން އަކީ "ވޯގް" ގެ ކަވާއެއްގައި ފުރަތަމަ ފަހަރަށް ފެނުނު ބުރުގާ އެޅި މޮޑެލް އެވެ.