ޖޯންސަން އެންޑް ޖޯންސަންއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ޓެސްޓްތަކުގައި ބައިވެރިވި މީހަކު ބަލިވުމުން އެ ޓެސްޓްތައް މެދުކަނޑާލައިފި އެވެ.

މި މީހާ ބަލިވާން ދިމާވި ސަބަބު މިހާރުދަނީ މިނިވަން ޑޭޓާ އަދި ރައްކާތެރިކަން މޮނިޓާ ކުރާ ބޯޑުން ބަލަމުންނެވެ. އަދި މިކަމުގައި އެ ކުންފުނީގެ ކްލިނިކަލް އަދި ސޭފްޓީ ފިޒިޝިއަނުން ވެސް ބައިވެރިވާކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ކުންފުނިން އިތުރަށް ބުނިގޮތުގައި މިފަދަ ބޮޑެތި ޓެސްޓްތަކުގައި ބައެއް ފަހަރު ބައެއް މީހުންނަށް ބަލިތައް ޖެހޭނެ ކަމަށާއި އެ ކޭސްތައް ޖެހޭނީ ވަކި ވަކިން ތަހުގީގު ކުރަން ކަމަށެވެ.

"ރައްކާތެރިކަމަށްޓަކައި އެ އޮންނަ އުސޫލުތަކުގެ ދަށުން ޖޯނސަން އެންޑް ޖޯންސަންގެ ފާމަސޫޓިކަލް ކުންފުނި ކަމަށްވާ ޖެނެސެން އިން ވަނީ ކްލިނިކަލް ޓެސްޓްތައް މެދުކަނޑާލާފައި،" އެ ކުންފުނިން ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން އިން ވަނީ އެސްޓްރަޒެނެކާ އަދި ސަނޯފީގެ އިތުރުން ޖޯންސަން އެންޑް ޖޯންސަންއާއި އެކު، 400 މިލިއަން ވެކްސިން ޑޯޒު ސަޕްލައިކުރުމުގެ އެއްބަސްވުމެއް ހަދާފަ އެވެ.

މީގެ ކުރިން އޮކްސްފޯޑުގެ ވެކްސިން ޓެސްޓްތަކުގައި ބައިވެރިވި މީހަކު ބަލިވުމުން އެ ޓެސްޓްތައްވެސް މެދުކަނޑާލި އެވެ. އެހެން ނަމަވަެސް ރައްކާތެރިކަމަށްޓަކާ ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު ޓެސްޓްތައް ވަނީ އަލުން ފަށާފަ އެވެ.