މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިން މައްސަލާގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ނޫމަޑި މައްސަލާގައި މޭޔަރު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑިއެހުމަށް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

މިމައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނީ 25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ ފުލުހަށް ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން މާ ތަފްސީލާ ޖަވާބެއް ދެއްވާފައި ނެތުމުން މަޖިލީހަށް ވެސް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފަ އެވެ.

އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފަ އެވެ.