ފުލުހުންގެ ބޯޑުން އިސް އޮފިޝަލުންތަކެއް ވަކިކުރަން ނިންމީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބެއްގެ ގޮތުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލް މިހެން ވިދާޅުވީ ފުލުހުންގެ އައު ގާނޫނުން އެކުލަވާލާފައިވާ ފުލުހުންގެ ބޯޑުން ފުލުހުންގެ އިދާރާއިގައި މަސައްކަތް ކުރާ އިސް އޮފިޝަލުންތަކެއް ވަކިކުރަން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. ޖަމީލްގެ ޓުވީޓްގައި އިތުރަށް ވިދާޅުވީ ގައުމުގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ އިންސާނީ ވަސީލަތްކަމަށާއި، އެމްޑީޕީގެ އެކްޓިވިސްޓުން ހިމެނޭ ބޯޑުން ބަދަލުހިފަން އުޅޭކަން ސާފުވާ ކަމަށެވެ. ގިނަ ދުވަހު ޚިދުމަތުގައި ތިބި ބަޔަކު ވަކިކުރަނީ ހައްގުތައް ރައްކާތެރިކަން ކުރަންތޯ ވިދާޅުވެ ޑރ ޖަމީލް ސުވާލު އުފެއްދެވި އެވެ. އަދި މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީގެ އެކްޓިވިސްޓުން ހިމެނޭ ބޯޑުން ބަދަލުހިފަން އުޅޭކަން ސާފު. ގިނަ ދުވަހު ޚިދުމަތުގައި ތިބި ބަޔަކު ވަކިކުރަނީ ހައްގުތައް ރައްކާތެރިކަން ކުރަންބާ؟ މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.