ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރެވެމުން ދާއިރު އެންމެ ގަދަޔަށް އިވެމުންދާ އަޑަކީ ފްލެޓްތަކުގެ އަގު ބޮޑު ވާހަކައެވެ. ފްލެޓްތަކުގެ އަގު ބޮޑުކަމަށް ބުނެ އަގު ހެޔޮކޮށް ދިނުމަށް އެދި މުޒާހަރާ ވެސް ކޮށްފި އެވެ. އެ އިހުތިޖާޖްތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން މިވަނީ ފަހު ބަސް ވެސް އިއްވައިފަ އެވެ. ފްލެޓްތަކުގެ އަގު ކުޑަކުރެވެން ނެތް ވާހަކަ އެވެ.

ފްލެޓްތަކުގެ އަގު ކުޑަކުރެވެން ނެތްކަމަށް ވިދާޅުވެ ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އޭނާ ވަނީ ފްލެޓްތަކުގެ އަގު ކުޑަކުރެވެން ނެތް ސަބަބު ވަރަށް ތަފުސީލުކޮށް ހާމަކޮށް ދެއްވައިފަ އެވެ. ފްލެޓް ހެދުމަށް ނެގި ލޯނުގެ މިންވަރާއި އެ ލޯނުގެ އިންޓްރެސްޓަށް އަރާ އަދަދާއި ލޯނު ދެއްކުމަށް ނަގާނެ މުއްދަތާއި ފްލެޓްތަކުގެ ޚިދުމަތަށް ހިނގާނެ ޚަރަދަށް ދާންދެން ވިދާޅުވެދެއްވީ، ނަވަތަ ނޭނގޭ މީހަކަށް ވެސް އެއް އަތުގެ އިނގިލި ލަންބައިލައިގެން ވެސް ހިސާބު ހަދާލެވޭހާ ތިލަކޮށް ސާފު ކޮށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތެއް އެއްބަސްވުމުގައި ސޮއި ކުރަނީ

ސަރުކާރުން ފްލެޓްތަކަށް ކަނޑައަޅާފައިވާ މިންވަރަކީ އެ ފްލެޓްތައް އެޅުމަށް ހިނގި ޚަރަދާ އަދި ބެލެހެއްޓުމަށް ހިނގާނެ ޚަރަދު ތުނޑުން ތުނޑަށް ވިޔަކޮށްފައިވާ އަދަދެއްކަން އެނގެ އެވެ. އެހެންކަމުން ފްލެޓްތަކުގެ އަގާމެދު ދެން އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތް ހެއްޔެވެ؟ އެ ސުވާލަށް އާނއެކޭ ބުނާ ބަޔަކު ކޮށްލަން ޖެހޭ ސުވާލަކީ ލޯނު ނަގައިގެން ސަރުކާރުން ހެދީ ހަމަ އެކަނި ހިޔާ މަޝްރޫއުގެ ޓަވަރުތައް ހެއްޔެވެ.

ނިމި ދިޔަ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގައިގެން ބިޔަ މަޝްރޫއުތަކެއް ހިންގިކަން އެއީ އެއްވެސް ހާލެއްގައި ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ހިޔާ މަޝްރޫއުގެ ޓަވަރުތަކަކީ އެއިގެ ތެރެއިން ބައެކެވެ. އެ ޓަވަރުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ވެސް ކުރީ ސަރުކާރުން ބޮޑެތި ލޯނު ތައް ނަގައިގެން ހެދި ތަންތަނެވެ. މީގެ ތެރޭގައި ހިމެނޭ ހުޅުމާލޭ ބްރިޖަކީ އެ ބްރިޖް މަތިން ދަތުރު ކުރުމަށް ކޮންމެ ވެސް ފީއެއް ނަގާ ގޮތަށް ކުރީ ސަރުކާރުން ނިންމައިފައި އޮތް ތަނެކެވެ. އެހެނަސް މިއަދުގެ ސަރުކާރުގެ ދީލަތިކަމުން އެފަދަ ފީއެއް ނުނަގާ ގޮތަށް ވެސް ވަނީ ނިންމަވާފަ އެވެ. ސަރުކާރުގެ ހެޔޮފުޅުކަމެވެ.

ރާއްޖޭގައި ހެދި އެންމެ ފެންވަރު މަތީ ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް: ކޮވިޑްގެ އެންމެ ސީރިއަސް ބަލި މީހުންނަށް ފަރުވާދެނީ މި ހޮސްޕިޓަލުގައި. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ކޮވިޑްގެ ވަބާގައި އެންމެ ބޮޑަށް ބޭނުން ކުރަންޖެހުނު ދަރުމަވަންތަ ހޮސްޕިޓަލުން ވެސް އެ ހޮސްޕިޓަލަށް ދާ ބަލިމީހުންގެ އަތަކުން ފީއެއް ނުނަގަ އެވެ. އެހެނަސް އެއޮތް އަގު ބޮޑުކޮށް ހެދި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ބްރިޖްގެ ލޯނު ވެސް ސަރުކާރުން އެދަނީ ދައްކަމުންނެވެ.

އެންމެ މުއްސަނދި މަހުޖަނުންނާ އެންމެ ނިކަމެތި ސަލާން ޖަހާ މީހުން ވެސް ތަފާތެއް ނެތި ސަރުކާރުން ހިލޭ ބޭސް ކޮށްދެ އެވެ. މުއްސަންޖެއް ފަގީރެއް ފަރަގު ނުކޮށް ހުރިހާ ދަރިވަރުންނަށް ހިލޭ ނާސްތާދެ އެވެ. ޔުނިފޯމު ދެ އެވެ. ފޮތް ފަންސުރު ވެސް ދެނީ ހިލެ އެވެ. މިއީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަގެ ސަރުކާރު ތަކުން ވެސް ނުކުރާ ޚަރަދެވެ. އެހެނަސް އަމިއްލަ ބޯހިޔާވަހި ކަމެއްގައި ނިދާލެވުމުގެ ނަސީބު ލިބެން ނެތް ނިކަމެތިންނަށް އަމާޒުކޮށް ސަރުކާރުން އަޅައިދޭ ޕަބްލިކް ހައުސިން މަޝްރޫއުތަކުގެ ފްލެޓްތަކުގެ ކުލި އެ ފްލެޓްތައް އިމާރާތްކުރުމާއި ބެލެހެއްޓުމަށް ހިނގާ ޚަރަދު ތުނޑުން ތުނޑަށް ދެކޮޅު ޖެހޭ މިންވަރަށް ހަދަން ޖެހޭ ހެއްޔެވެ. ހަމަ ގައިމު ވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އެގޮތަކަށް ނުކުރެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް. މިތަނުން ފްލެޓް ލިބުނު ފަރާތްތަކަށް މިހާރު އަންނަނީ ތަޅުދަނޑި ހަވާލުކުރަމުން. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގާ މަޝްރޫއުތަކުގެ އަގު ސަރުކާރަށް ކުޑަކޮށް ދެވެން ޖެހޭނެ އެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ އެހެނިހެން ޚިދުމަތްތަކަށް ވެސް އެ ޚިދުމަތްތައް ދޭ ފަރާތްތަކަށް ސަރުކާރުން ސަބްސިޑައިޒް ކޮށްދޭ އުސޫލޫން ޕަބްލިކް ހައުސިންގެ ކުއްޔަށް ވެސް އަމަލު ކުރެވެން ޖެހޭނެ އެވެ. އެހެންކަމުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގު ވެސް ހެޔޮ ކުރެވޭނެ އެވެ. އެހެނަސް އެއީ ސަރުކާރުން އެކަން ކުރަން ބޭނުން ނަމަ އެވެ.