އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު މިވަނީ އޭނާގެ ސްޓައިލިޝް ކަމުން މުޅި މީސްމީޑިއާގެ ސަމާލުކަން ހޯދާފަ އެވެ. ހުރިހާވެސް ޝުކުރެއް އޭނާގެ ޑިޒައިނާ ހެދުންތަކުން ފުރިފައިވާ 20،000 ޑޮލަރުގެ ވޯޑްރޯބަށެވެ.

އަނީތާ ފެލިކްސް އޭނާގެ މަންމަ ގަނެފައި ހުންނަ ބްރޭންޑެޑް އެއްޗެއްސާއެކު ނަގާފައިވާ ފޮޓޯތައް ކޮންމެ ދުވަހަކު ވެސް ހިއްސާކުރާއިރު އޭނާގެ އިންސްޓަގްރާމްގައި މިހާރު 12،000 ފޮލޯވަރުން އެބަތިއްބެވެ.

މި އެކައުންޓް މެނޭޖްކުރަނީ ކެލިފޯނިއާއަށް އުފަން، އުމުރުން 27 އަހަރުގެ މަންމަ ސްޓެލާ އެވެ. އޭނާ އަގުބޮޑު ބްރޭންޑެޑް އެއްޗެއްސަށް ލޯބި ޖެހިފައިވަނީ އަނީޓާ ވިހެއުމުގެ ކުރިން ޕާސަނަލް ޝޮޕާއެއްގެ ވަޒީފާ އަދާކުރިއިރުން ފެށިގެން ކަމަށް ވަނީ ބުނެފަ އެވެ.

އަނީޓާ ފެލިކްސް އާއި މަންމަ ސްޓެލާ

ސްޓެލާ ވަނީ އަނީޓާއަށް 20،000 ޑޮލަރަށް އަގު އަރާވަރަށް މަޝްހޫރު އެކި ބްރޭންޑްތަކުގެ ހެދުންތައް ގަނެދީފަ އެވެ. އޭގެ ތެރޭގައި ބަލްމެއިން، ގޫޗީ، ވަސާޗޭ، ފެންޑީ އަދި ގިވޯންޝީ ބްރޭންޑްގެ ހެދުންތައް ހިމެނެ އެވެ.

މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސްޓެލާއަށް ފާޑުކިޔަސް އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އަދި މީހުން އެއްޗެހި ކިޔައޭ ކިޔާފައި ހަރަދުކުރާ މިންވަރު މަދެއްވެސް ނުކުރެ އެވެ.

އަނީޓާ ފެލިކްސް އާއި މަންމަ ސްޓެލާ

މިހާރު ވަޒީފާ އަދާކުރުމުގެ ބަދަލުގައި ގޭގައި ހުންނަ ސްޓެލާ ބުނެފައިވާ ގޮތުގައި އަނީޓާ ހެދުން އަޅުވާ ތައްޔާރުކޮށް އިންސްޓަގްރާމް ކުރުމަށް ފޮޓޯ ނެގުމަކީ އޭނާ ވަރަށް ކުރާ ހިތްވާކަމެއް ކަމަށެވެ. އަދި މިހާރު ބޮޑެތި ބްރޭންޑްތަކާ ގުޅިގެން މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ސްޓެލާ އާއި ފިރިމީހާ އަޝްވިން މިހާރު ވަނީ އާއިލާގެ އިތުރު މެމްބަރަކަށް ވެސް މަރުހަބާ ކިޔާފަ އެވެ. އުމުރުން އެންމެ ތިން މަހުގެ ލޫނާ އަކީވެސް ދައްތަ އަނީޓާ ފަދައިން ވަރަށް ސްޓާއިލިޝް ކުއްޖެކެވެ. އަދި އޭނާގެ ހެދުންތައްވެސް އެހާ އަގުބޮޑުވެފައި ބްރޭންޑެޑް އެވެ.

އަނީޓާ ފެލިކްސް