ބޮލީވުޑް ސުޕަ ސްޓާރު ސަލްމާން ޚާން އަދި މަޝްހޫރު ބަތަލާ ކެތުރީނާ ކައިފްއެކުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމް "ޓައިގާ 3"ގެ ޝޫޓިންތައް ފަށަން މި މަހުގެ 18 ވަނަ ދުވަހު ރަޝިޔާއަށް ފުރަން ނިންމައިފި އެވެ.

މި ތަރިން ރަޝިއާއަށް ފުރަނީ މުމްބާއީގައި ނަގަން ޖެހޭ ޝޫޓިންތައް ނިންމާލުމަށްފަހު އެވެ.

މި ފިލްމުގައި އިންޑިއާއިން ބޭރުގައި ނަގާ މަންޒަރުތައް ނެގުމަށް 45 ދުވަސް ހޭދަވާއިރު ފަސް ގައުމެއްގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. މިގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ އަދި ތުރުކީ ހިމެނެ އެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ދަނޑިވަޅުގައި ފިލްމުގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ އޭނާގެ ޓީމު ގޮވައިގެން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ޖަމްބޯ ޗާޓަރު ފްލައިޓެއްގަ އެވެ.

މިމަހު ޝޫޓިން ފަށާ "ޓައިގާ 3"ގައި ފެނިގެންދާނީ ސަލަމާން އާއި ކެތްރީނާގެ އިތުރުން އިމްރާން ހާޝްމީ އެވެ. އިމްރާން ފެނިގެންދަނީ ނުބައި ބައި ރޯލަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ޓައިގާ 3"އަކީ 2012 ވަނަ އަހަރު ނުކުތް "އެކް ތަ ޓައިގާ"ގެ ސީކުއެންސްގެ ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. މި ސީކުއެންސުން ނެރުނު ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.