ހިޕް ހޮޕް އަދި ރެޕް ލަވަތައް ކިޔައިގެން ޒުވާނުންގެ މަގުބޫލުކަން ހޯދި ސިމްބޮލިކް ރިކޯޑްއިން ލަވަފޮށީގެ އެއްވަނަ އަށް އެރީ މަކަރު ހަދައިގެން ކަމަށް ކުރެވުނު ތުހުމަތުތަކާއި އެކު ރަތަށް އަރައިފި އެވެ.
އޮންލައިން ވެބްސައިޓްއެއް ކަމަށްވާ "ދޯ" ގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ސިމްބޮލިކް ރިކޯޑްސް އަށް ކޮށްފައިވަނީ ލަވަ ސްޓްރީމް ކުރާ އެޕެއް ކަމަށްވާ ލަވަފޮށީގައި އެފަދަ ދެވަނައެއް ނުވާ އަލީ ރަމީޒު ބަލިކޮށް އެއްވަނައަށް އެރީ މަކަރު ހަދައިގެންކަމުގެ ތުހުމަތެވެ.
އެ ލިޔުމުގައި ވާ ގޮތުން ސިމްބޮލިކްސް ރިކޯޑްގެ އަލަތު އަލްބަމާއި އެކު ދިވެހިންގެ ހިތުގައި ފާއިތުވެދިޔަ 20 އަހަރުގައިވެސް ރަސްކަން ކުރި އަލީ ރަމީޒު ވައްޓާލާފައި ލަވަފޮށީގެ އެންމެ އުހަށް އެރުމަކީ ބުއްދިއަށް ގަބޫލުނުކުރެވޭ ކަމެެއް ކަމަށެވެ.
ލަވަފޮށީގައި ބައެއް އާޓިސްޓުންތަކެއް "ބޮޓު" ބޭނުންކޮށްގެން އެ މީހުންގެ ލަވަތަކުގެ ޕްލޭ ކައުންޓް ވަރަށް ބޮޑަށް އޮޅުވާލި ކަމަށް ލަވަފޮށިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ
މި ލިޔުމުގައި ލަވަފޮށީގެ ފައުންޑާ އަބްދުﷲ ނާޒިމް (އައްލޮ) އާ ހަވާލާދީ ދޯ އިން ލިޔެފައިވާ ގޮތުގައި ބޮޓު ބޭނުންކޮށްގެން ރިކޯޑުތައް މުގުރާލީ ސީދާ ކޮންބައެއްކަން ހާމަކުރަން އޭނާ ބޭނުން ނުވެ އެވެ. އެހެން ނަމަވެސް ސިމްބޮލިކްސް ރިކޯޑްސްއިންގެ ޕްލޭ ކައުންޓްސް އިތުރުވުން "ފްރޯޑެއް"ގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށް އޭނާ އެއްބަސްވާކަމަށް "ދޯ" ގައި ލިޔެފައިވެ އެވެ.
މިކަމާ ގުޅިގެން ސިމްބޮލިކް ރިކޯޑުން ނުރުހުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ހެޔޮ ނިޔަތުގައި ލަވަފޮއްޓާއެކު މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް ހެއްކަކާއި ނުލާ "ދޯ" އިން އެ ލޭބަލްއަށް ކޮށްފައިވާ ތުހުމަތުތަކަށް ބާރުލިބޭ ގޮތަށް ލަވަފޮށީގެ ފަރާތުން ވާހަކަދައްކާފައި ވުމުން، އޭގެ އަސްލު ހަގީގަތް ހާމަކޮށް ރޭ 12 ޖެހުމުގެ ކުރިން ލަަވަފޮށިން މައާފަށް އެދުމަށެވެ.
މިކަމާ ގުޅިގެން އޭގެ ކުޑައިރުކޮޅެއް ފަހުން ލަވަފޮށިގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ވާގޮތުން "ދޯ" މެގަޒިނުގައި ބަޔާންކުރި ގޮތަށް އެ ޕްލެޓްފޯމުގައި މަސައްކަތްކުރާ އެއްވެސް ފަންނާނެއް މަކަރާއި ހީލަތް ހަދާފައިވާ ކަން އެނގިފައެއް ނެތެވެ. އަދި ގަވާއިދާ ހިލާފަށް ސިމްބޮލިކް ރިކޯޑްސްއިން ޕްލޭ ކައުންޓްސް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން އެއްވެސް އިރެއްގައި ތުހުމަތުކޮށްފައި ނުވާނެ ކަމަށްބުނެފަ އެވެ.