ލަންޑަން- (1ސެޕްޓެމްބަރު) އޮކްސްފޯޑުން ތައްޔާރުކުރި ކޮރޯނާވައިރަހުގެ ވެކްސިން ޓެސްޓުކުރުމުގެ އެންމެ ފަހު މަރުހަލާ ފަށައިފި އެވެ.

މިއީ ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތުގައި އަނެއްކާވެސް ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

މި ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނެކާ އިން ބުނެފައިވާ ގޮތުގައި ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލްގައި އެމެރިކާގެ 30،000 ވޮލަންޓިއަރުން ބައިވެރިވެ އެވެ.

މިއާއި އެކު AZD1222 ވެކްސިނުން ކޮވިޑް-19 އިން ރައްކާތެރިކަން ފޯރުކޮށްދޭތޯ ބެލުމަށް ކުރާ ޓެސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50،000 މީހުން ބައިވެރިވާނެ އެވެ.

އޭގެ ތެރެއިން އިނގިރޭސިވިލާތާއި ބްރެޒިލް އަދި ސައުތް އެފްރިކާގެ އެތައް ހާސް މީހުންނަށް މިހާރުވެސް ވަނީ މި ވެކްސިން ދީފަ އެވެ. އަދި ސައިންސްވެރިން ދަނީ އެމީހުންގެ ހާލަތު ގާތުން މޮނިޓާ ކުރަމުންނެވެ.

އޮކްސްފޯޑުގެ ޕްރޮފެސާއެއް އަދި މި ވެކްސިން އުފެއްދުމުގައި އިސްކޮށް އުޅުއްވި ސާރާ ގިލްބާޓް ވިދާޅުވިގޮތުގައި އެކި ގައުމުތަކުން މި ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލިބޭނެ އެވެ.

މިއާއި އެކު އެސްޓްރަޒެނެކާއިން ވަނީ ވެކްސިން ކާމިޔާބުވެއްޖެ ނަމަ، ގަނޑުކޮށް ވެކްސިން އުފެއްދުމަށް ޓަކައި އޮކްސްފޯޑް ބަޔޯމެޑިކާ އާއި އެކު 15 މިލިއަން ޔޫރޯގެ ޑީލްއެއް ހަދާފަ އެވެ.

މީގެ އިތުރުން އެ ކުންފުނިން ދަނީ ޗައިނާ އަދި އެމެރިކާގައި ބޭސް އުފައްދާ ކުންފުނިތަކާއި އެކު ޑީލް ހަދައިގެން މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. -ޑެއިލީމެއިލް