ބޮލީވުޑްގެ ނަން މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ކެތުރީނާ ކައިފް އާއި ވިކީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ހަބަރުތައް ދައުރު ވަމުންދާތާ ދުވަސްތަކެއްވެއްޖެ އެވެ.

ދާދި ފަހުން މިވަނީ ވަރަށް ސިއްރު ހަފްލާއެއްގައި މި ދެތަރިން އެންގޭޖްވެއްޖެ ކަމުގެ ހަބަރުތައް ވެސް ފަތުރަން ފަށައިފަ އެވެ.

ނަމަވެސް މި ދެތަރިންގެ ޓީމުން މިވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި މި ވަގުތު މި ދެ ބައިވެރިން ވެސް އަންނަނީ އެ މީހުންގެ ކުރިޔަށް ހުރި ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެމުން ކަމަށް ވެސް އެ މީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކެތުރީނާ މިވަގުތު ހުރީ ވެސް އިންޑިއާއިން ބޭރުގައި ނަގާ "ޓައިގާ 3" ގެ ޝޫޓިންތައް ފުރިހަމަކުރުމަށްޓަކައި ރަޝިޔާގައި ކަމަށް ވެސް ކެތުރީނާގެ ޓީމުން ރިޕޯޓްކޮށްފައިވެ އެވެ.

ވިކީ ކޯޝަލްއަށް ބަލާލާއިރު އޭނާ ވެސް ވަނީ ޕޮންޑިޗެރީގައި "މިސްޓަ ލޭލޭ" ގެ މަސައްކަތްތައް ނިންމާލުމަށްފަހު ދާދި ފަހުން އެނބުރި މުމްބާއީ އަށް އައިސްފަ އެވެ.

އެންގޭޖްމަންޓްގެ ހަބަރުތައް ދޮގުކުރި ނަމަވެސް ވިކީ އާއި ކެތުރީނާ އެކުގައި ވަރަށް ގިނައިން ފެނެ އެވެ.

ދާދި ފަހުން ކެތްރީނާ ވަނީ ވިކީގެ ފިލްމު "ބޫތް ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ގެ ޕްރިމިއާގައި ވެސް ވިކީއާއެކު ބައިވެރިވެފަ އެވެ. އަދި ހަމަ އެހެންމެ މިދިޔަ ހަފްތާ ތެރޭގައި ރިލީޒްކުރި ފިލްމް "ޝޭރް ޝާހް"ގެ ޕްރިމިއާގައި ވެސް މި ދެތަރިން އެކުގައި ބައިވެރިވެފައިވެ އެވެ.