ސެން ފްރެންސިސްކޯ (17 އޮގަސްޓް) - އަފްޣާނިސްތާނުގެ ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު ވައްޓާލާ އެ ގައުމުގެ ވެރިކަމަށް އަތްގަދަކޮށްފައިވާ ދަނޑިވަޅެއްގައި އެ ޖަމާއަތުން ބޭނުންކުރަމުންދާ ވަޓްސްއެޕް އެކައުންޓްތައް ބްލޮކްކުރަން ނިންމާފައިވާ ކަމަށް ފޭސްބުކް އިން ބުނެފި އެވެ.

ފޭސްބުކްގެ ތަރުޖަމާނަކު އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ތާލިބާނުންނަކީ އެމެރިކާގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބެލެވޭ ޖަމާއަތެއް ކަމަށާއި އެހެންކަމުން އެ ކުންފުނީގެ ހުރިހާ ހިދުމަތްތަކުން އެ ޖަމާއަތް އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފޭސްބުކް އިން ވަނީ އަފުޣާނިސްތާނުގައި އަނިޔާވެރިކަމާއި ފޭރުމުގެ ޝަކުވާތައް ހުށަހެޅުމަށް ތާލިބާނުން ގާއިމުކޮށްފައިވާ ވަޓްސްއަޕް ހޮޓްލައިން ނަމްބަރެއް ބްލޮކް ކޮށްފަ އެވެ.

މީގެ އިތުރުން ތާލިބާނުންގެ ރަސްމީ ވަޓްސްއަޕް އެކައުންޓްތަކާއި ތާލިބާނުންގެ ނަމުގައި ހިންގާ، އެ ޖަމާއަތަށް ވާގިވެރިވާ އެކައުންޓްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

ފޭސްބުކްގެ މި ނިންމުމަކީ ތާލިބާނުންގެ އެކައުންޓްތައް ސޯސަލް މީޑިއާއިން ބްލޮކްކުރުމަށް ބައިނަލް އަގުވާމީ ޖަމާއަތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ދަންޑިވަޅެއްގައި ނިންމި ނިންމުމެކެވެ.

ފޭސްބުކުން ބުނެފައި ވަނީ އެ ކުންފުނިން ދަނީ އަފްޣާނިސްތާނުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އެ ކަމުގެ ހަގީގަތް ނުބަލައި ނިންމުންތައް ނިންމާ ކުންފުންޏަކަށް އެ ކުންފުނި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ނިންމުމާ ގުޅޭގޮތުން ތާލިބާނުންގެ ތަރުޖަމާނަކު ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ކަމަށް ބުނެ ފޭސްބުކް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. -- ޗެނަލް ނިއުސް އޭޝިއާ