މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ ކައިލީ ޖެނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް އަޑުފެތުރެން ފަށައިފި އެވެ.

ކައިލީގެ ގާތް މީހަކު ވަނީ މި ހަބަރު ކަށަވަރު ކޮށްދީފަ އެވެ. އަދި ކައިލީ ބަނޑުބޮޑުކަމުގެ ހަބަރުތައް މީޑިއާގައި ދައުރުވާން ފެށުމުން ކައިލީގެ މަންމަ ކެއިޓްލީން ޖެނާ އިވެންޓެއްގެ ތެރޭގައި އޭނާއަށް މާމަ ކިޔާނެ 19 ވަނަ ދަރިޔަކު ލިބެން އުޅޭކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓް އަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ 2019 މިދެ މީހުން ވަނީ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް ދަރިފުޅަށްޓަކައި އަބަދުވެސް ދެ މީހުން އެކުގައި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދެ އެވެ. މި ދެ މީހުން އަލުން ޑޭޓްކުރަމުންދާ ކަމުގެ ހަބަރުތައް ވެސް ވަނީ ދާދި ފަހުން މީޑިއާތަކުގައި ރިޕޯޓްކޮށްފަ އެވެ.

ކައިލީ އަކީ އަބަދުވެސް އޭނާގެ އާއިލާ ބޮޑުކުރަން ބޭނުންވާ މީހެކެވެ. އެގޮތުން އޭނާ ވަނީ އެންމެ މަދުވެގެން ވެސް ހަތަރު ކުދިން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވަކި މުއްދަތެއް އެ ކަމަށް ކަނޑައަޅާފައިވާ ނުވާ ކަމަށް ވެސް ކައިލީ ވަނީ ބުނެފަ އެވެ.