ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ "ވޯލްޑް އެކްސްޕޯ"ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޔުނައިޓަޑް އަރެބް އެމިރޭޓްސްގެ ދުބާއީގައި ބާއްވާ "އެކްސްޕޯ 2020" ރާއްޖޭ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލާ ކަމަށެވެ.

ތިން ދާއިރާއަކުން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލާފަ އެވެ. އެގޮތުން ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)، ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭގޮތަށް "ފިޔުޝަން މިޔުޒިކް"، އަދި ކުރެހުންތެރިންގެ ދާއިރާ އެވެ. މި ދާއިރާތަކުން އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ރަޖިސްޓްރީވުމާއެކު ޕާފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރުފޯމަންސް) ނުވަތަ ޕޯޓްފޯލިއޯ ހުށަހެޅުމަށް އެންސީއޭއިން ވަނީ ހުޅުވާލާފަ އެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ޚަރަދާއި، ހުރުމާއި، ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕާފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ ދޭގޮތަށް އެކޮނޮމިކް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް ވެސް އެންސީއޭއިން ބުނެ އެވެ.

އެކްސްޕޯގައި ބައިވެރިވާނެ ޕާފޯމިން އާޓިސްޓުން އިވެލުއޭޓްކުރުމުގައި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރަށާއި، ހުށަހެޅުންތެރިކަމާއި ހުށަހެޅުމުގެ ފެންވަރާއި، ޕޯޓުފޯލިއޯއަށް ބަލާނެ ކަމަށް އެންސީއޭއިން ބުންޏެވެ. އަދި ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ދިވެހި ސަގާފަތާއި، ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރަށާއި، ކުރެހުމުގެ ފެންވަރުގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށް ބަލާނެކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

ހަ މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ އޮންނާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.

މި އެކްސްޕޯގެ ތެރެއިން، ޓެކްނޮލޮޖީ، މުނިފޫހިފިލުވުން، ފަންނުވެރިކަމާއި ސަގާފަތް، ކެއުންބުއިމާއި، ތަޢުލީމާއި، އާކިޓެކްޗާގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.