ފަސިންޖަރު ހުރީ މާސްކު އަޅައިގެންތޯ ޔަގީންކުރުމަށްޓަކައި އޫބާއިން އެމީހުންގެ އެޕްގައި ސެލްފީ ފީޗާއެއް ހިމަނަން ނިންމައިފި އެވެ.

މި ފީޗާއިން ކުރިން މާސްކު ނާޅާ ކާރަށް އެރިކަން ރިޕޯޓުކުރެވިފައިވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އެމެރިކާ އަދި ކެނެޑާގައި ސެލްފީ ސްކޭނާ ބޭނުންކުރަން ފަށަން ނިންމާފައިވާއިރު އޭގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ތައާރަފުކުރާނެ ކަމަށް އޫބާއިން ބުނެ އެވެ.

މިހާރު ވެސް އޫބާގެ ޑްރައިވަރުން ކޮންމެ ދުވަހަކު މަސައްކަތް ފެށުމުުގެ ކުރިން މާސްކު އަޅައިގެން ހުރިތޯ ޔަގީންކުރުމަށްޓަކައި ސެލްފީއެއް ނަގަންޖެހެ އެވެ.

ޑްރައިވާ ހުރީ މާސްކު ނާޅާކަން ސެކްފީ ސްކޭނާއިން ޑިޓެކްޓް ކުރެވިއްޖެ ނަމަ އެމީހަކަށް އެ ދުވަހު ޔޫބާ އެޕް ބޭނުންކޮށްގެން ފަސިންޖަރުން ގޮވައިގެން ދަތުރެއް ނުކުރެވޭނެ އެވެ.

ކޮރޯނާ ވައިރަސް ޕެންޑެމިކްއާއި ގުޅިގެން މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޫބާއިން ވަނީ "ނޯ މާސްކު ނޯ ރައިޑް" އުސޫލެއް ހަދާފަ އެވެ. މި އުސޫލުގެ ދަށުން ޑްރައިވަރަށް ވެސް، ފަސިންޖަރަށް ވެސް މާސްކު ނާޅާ ދަތުރެއް ނުކުރެވޭނެ އެވެ.

ދެ ޕާޓީއިން ވެސް މާސްކު ނާޅާ ހުރި ނަމަ އެކަން ރިޕޯޓުކޮށް ދަތުރު ކެންސަލް ކުރުމުގެ ބާރު އޮވެ އެވެ. އަދި ޑްރައިވަރު މާސްކު ނާޅާ ހުރިކަން ރިޕޯޓު ކުރެވިއްޖެ ނަމަ އޫބާއިން އޭނާގެ އެކައުންޓް ޑީއެކްޓިވޭޓް ކުރާނެ އެވެ.

މިކަމާއި ގުޅިގެން އޫބާގެ ބޮސް ޑާރާ ކޮސްރޯޝާހީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިއީ ޑްރައިވަރުންނާއި ފަސިންޖަރުންގެ ރައްކާތެރިކަމަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށާއި މިކަމުގައި އެންމެންވެސް މިތިބީ އެކުގައި ކަމަށެވެ. -ބީބީސީ