ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ޤަވާޢިދާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މި ދެ މަސް ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައި ވަނީ މިމަހުގެ އެގާރަ ވަނަ ދުވަހުގެ 5:55 ހާއިރު އެވެ. އަދި ދެވަނަ ބޯޓު ފެނިފައި ވަނީ މިމަހުގެ އިއްޔެ ރޭ ފަތިހު 5:54 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މި މަސް ބޯޓުތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑު ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށުން މި ދެ ބޯޓު ވަނީ މިހާރު ހުޅުމާލެ ފަޅަށް ވައްދާފަ އެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ފަސް ބޯޓެއް އެމްއެންޑީއެފްއިން މިއަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅުވެސް ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.