ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ އެެމެރިކާގެ ރިޔާސީ ބަހުސް ކުރިއަށްދާ ވަގުތު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެންގެ މައިކް ވަކި ވަގުތެއްގައި މިއުޓް ކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ދެ ކެންޑިޑޭޓުންނަށް ވެސް ހުރަހަކާ ނުލާ ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މި ބަހުސް އިންތިޒާމު ކުރާ ކޮމިޝަން އޮން ޕްރެޒިޑެންޝިއަލް ޑިބޭޓްސް އިން ބުނި ގޮތުގައި މިގޮތަށް ނިންމަން ޖެހުނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އޮތް ބަހުސްގައި ކަންތައް ވެގެންދިޔަ ގޮތުން ކަމަށެވެ.

"ދެ ކެމްޕެއިން އާއ އެކު ދެކެވުނު ވާހަކަތަކުން އަހަރެމެންނަށް އެނގިގެން ދިޔަ ގޮތުގައި އެއްވެސް ބަޔަކު މި އާ ނިންމުންތަކާ މެދު ހިތްހަމައެއް ނުޖެހޭ. މިއީ އެމެރިކާ ެމީހުންގެ މަސްލަހަތު އޮތް ގޮތް. އަދި މީގެ ސަބަބުން ހަމަ ހަމަކަން ގާއިމްވެގެންދާނެ،" ޕްރެޒިޑެންޝަލް ޑިބޭޓްސް އިން ބުންޏެވެ.

މި ބަހުސްގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ކޮންމެ ސެގްމެންޓެއް ފެށުމުގެ ކުރިން އެއްވެސް ހުރަހަކަ ނުލާ ވާހަކަ ދެއްކުމަށް ދެ މިނެޓުގެ ވަގުތުކޮޅެއް ދެވޭނެ އެވެ. ކޮންމެ ސެގްމެންޓެއްގެ ދިގު މިނަކީ 15 މިނުޓެވެ.

މި ދެ މިނެޓުގެ ވަގުތު ކޮޅުގައި ހަމައެކަނި މައިކް އޮންކުރެވިފައި ހުންނާނީ ވާހަކަ ދައްކަވާ ކެންޑިޑޭޓްގެ އެކަނި،" ކޮމިޝަނުން ބުންޏެވެ.