މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މި އިންތިހާބުގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންގެ ތެރޭގައި ރައީސް ސާލިހުގެ ފެކްޝަނުން 75 އިންސައްތަ ކެނޑިޑޭޓުން ކާމިޔާބު ހޯދާފައިވެ އެވެ. މިއާއެކު ކުރިއަށްއޮތް ގައުމީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ވެސް ރައީސް ސޯލިހަށް ކަށަވަރުކުރެވުނީ އެވެ.

އިއްޔެގެ އިންތިހާބުގައި ކާމިޔާބު ހޯދި ވަޒީރުންގެ ތެރޭގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހިމެނެއެވެ. މި ތިން މިނިސްޓަރުންނަކީ ވެސް ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅުންނެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ކުރިމަތިލި ގިނަ ކެންޑިޑޭޓުންގެ ތެރެއިން މާލެ ސިޓީގެ ރައީސާއި އެހެން މަދު ދާއިރާއެއް ފިޔަވައި ގިނަ ކެންޑިޑޭޓުންނަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.