ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާ މިހާރު ބާތިލްވެފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމުމުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ބާތިލްވެއްޖެ ކަމަށެވެ.

ސަލީމް ވިދާޅުވީ އެސްއޯއެފްގެ މައްސަލަ ނުބަލާ އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މައްސަލައިގެ އަސްލު ގެއްލުމުން ދެން ކުރިއަށްގެންދާނެ އެއްޗެއް ނެތް ކަމަށެވެ. މަކަރާ ހީލަތް އޭގެތެރެއަށް ވަނުމުން އިސްލާމީ ޝަރީއަތުގައި އެހުރިހާ ކަމެއް ބާތިލްވީކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އެސްއޯއެފްއިން ފައިސާ ޖަމާވި ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައި އެބަތިބި ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެސްއޯއެފަށް ޖަމާވި ވަގު ލާރިން ވިހި މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ؟ ދެން ކާކު ސަލާމަތް ނުވަނީ އޭގެއިން؟ ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ. މީ އަޖައިބެއް ކަހަލަ ކަމެއްނު؟" ސަލީމް ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ މިމައްސަލައެއް އުފެދުމުގެ ކުރިން މިމީހުން ދަންނަ ތަނެއްވެސް ނޫންކަމަށާއި އެސްއޯއެފުން ފައިސާ ޖަމާވި ލިސްޓުގައި ހިމެނޭ ކަމަށްބުނެ އޭނާ ވެސް އޭސީސީއަށް ހާޒިރު ކުރި ކަމަށެވެ.

"އަޅުގަނޑާ ވަރަށް ސުވާލުކުރި. އަދީބަކީ ވަގެއްކަން ނޭނގޭ ހެއްޔޭ؟ އެމްޕީއެލްއިން ޑޮލަރު ގަންނަން ލާރި ނެގި ހިސާބުން އައި ރިޕޯޓެއް ނެރުނޭ ޓީވީ ރޭޑިއޯތަކުން ވެސް ގޮވިއޭ އަޑެއް ނާހަންހޭ؟ ސުވާލުކުރުމުން އަޅުގަނޑު ދެންނެވިން އަނދުން ހުސެއިންއަށް ނީވުނު އެއްޗެއް ވަކި އަޅުގަނޑަށް އިވޭނެހޭ. އަނދުން ހުސެއިންއަށް އެބައޮތޭ ރަނގަޅު ކަމަށް ސިޓީ ލިބިފައި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެޕީއާރްސީގެ 35 މިލިއަނެއްގެ ވާހަކަ ވެސް އެބަދެކެވޭ ކަމަށާއި އޭގެ ތިން ހަތަރު ކަޅު ދަބަސް ގެންދިޔަކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ.

ސަލީމް އިޝާރާތްކުރެއްވީ އެމްއެމްޕީއާރްސީގެ ފައިސާއިން ރައިސް ސާލިހު 35 މިލިއަން ރުފިޔާ އަދީބު އަތުން ގެންދެވިކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކަށެވެ.

"ރައީސް ޔާމީންގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. އެންމެ މަތިން ފަށަން ޖެހޭނީ. ރައީސް ޔާމީންގެ މައްސަލަ ޖެހޭނީ ބާއްވަން އެހެންނޫނީ ބާތިލުކުރަން. ޔާގޫތުގޭ ޓެރަސް މަތީ ކިތައް ދަބަސްތޯ؟ ތިން ދަބަހުގެ ފައިސާ ފޮނުވި ބަހަން. އިބްރާއަށް ވެސް އެނގޭނެ އެކަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ޕީޕީއެމް މީހުން ވޯޓުދެނީ ޕާލިމެންޓްރީ ގްރޫޕުން ނިންމާ ގޮތަށް ކަމަށާއި ސަރުކާރުގެ ބިލްތަކަށް ސަރުކާރުން ބޭނުންވާގޮތަށް ވޯޓުދޭއިރު ރިޝްވަތުގެ ފައިސާ ނަގާކަށް ނުޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ 1.2 ބިލިއަން ރުފިޔާ ގޮސްފައިވަނީ މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ އަތުގައި ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަދީބުގެ ލޯޔަރަކަށް ހަމަޖެއްސި އިރު އޭނާއަށް ދިން ފީއަކީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ދިން ފީއެއް ކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ.

މިމައްސަލައިގެ ބާވަތަށް ބަލާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމަކީ ތިންސަތޭކަ އެތައް މީހެއްގެ މައްޗަށް އިއްވާ ހުކުމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފިނަމަ އެ އިއްވެނީ ވަރަށް ގޯސް ހުކުމެއް ކަމަށާއި އެ ސްޓޭންޑް ނުނެގޭނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.