އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ ވެގެންދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދި، އަދި ޝާހީ "ޕްރޮޓޮކޯލް" ތަކަށް ނުބަލާ އަބަދުވެސް އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވަމުން ގެންދެވި ހިތްވަރު ގަދަ ކަނބަލެއްގެ ގޮތުގަ އެވެ.

ޑަޔާނާގެ މި އަމިއްލަވަންތަކަމާ ގުޅިގެން ބަދަލުކޮށްލި ޝާހީ އާއިލާގެ ބައެއް ގަވާއިދުތަކަށް ބަލައިލާނަމެވެ.

އަމިއްލަ އަށް އެންގޭޖްމެންޓް އަނގޮޓި ހިޔާރު ކުރުން

އާންމު އުސޫލެއްގެ ގޮތުން ޝާހީ ދެމަފިރިކަނބަލުންގެ އަނގޮޓިތައް އޯޑަރު ކުރާނީ މަޝްހޫރު ގަހަނާ ހަދާ މީހުން ލައްވަ އެވެ. އަދި ގިނަ ގަހަނާ ތަކުގައި ބޭނުންކޮށްފައި ހުންނާނީ ވެސް އާއިލީ ސްޓޯންތަކެވެ. މިސާލަކަށް އެލިޒަބަތް (ދެވަނަ) ގެ އެންގޭޖްމެންޓް ރިންގް ހަދާފައި ވަނީ ޕްރިންސެސް އެލިސްގެ ތާޖުން ނަގާފައިވާ އެންމެ ސާފު ޑައިމަންޑްގެ ތެރެއިން ޑައިމަންޑެއް ބޭނުންކޮށްގެންނެވެ. އެލިސް އަކީ ޕްރިންސް ފިލިޕްގެ މަންމާފުޅެވެ.

މި ސަގާފަތާ ހިލާފަށް ޑަޔާނާގެ އެންގޭޖްމެންޓް އަނގޮޓި ހިޔާރު ކުރެއްވީ އަމިއްލަފުޅަށް ކެޓަލޮގެއް ބައްލަވައިގެންނެވެ. ޑަޔާނާ އަވަހާރަވުމަށްފަހު ގަހަނާތައް ވާރުތަ ވަމުންއައިސް އެ އަނގޮޓި މިހާރު ބޭނުންކުރައްވަނީ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ޕްރިންސެސް ކޭޓް އެވެ.

ގަނޑުވަރުން ބޭރުގައި ވިހެއުން

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ އަންހެން ބޭކަނބަލުން އާންމުކޮށް ވިހަމުން އައީ ގަނޑުވަރުގައި ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިގެންނެވެ. އެލިޒަބަތު (ދެވަނަ) ވެސް ކަންތައް ކުރެއްވީ މި ބީދައިންނެވެ. ނަމަވެސް ޕްރިންސެން ޑަޔާނާ ދެފަހަރު ވެސް ވިހެއީ ހޮސްޕިޓަލްގަ އެވެ. މައިދައިތަގެ ފިޔަވަޅު މަތިން ޕްރިންސެސް ކޭޓްގެ ތިން ދަރިން ވެސް ވިހާފައިވަނީ ހަމަ އެ ހޮސްޕިޓަލްގަ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމުުގައި އަމިއްލަ ގޮތްގަނޑެއް ގެންގުޅުއްވި

މީގެ ކުރިން ޝާހީ އާއިޅާގެ ބޭފުޅުންނަށް ދަރިންނާއެކު މާ ގިނަ ވަގުތު ހޭދަކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ބައިވެރިކުރުވުމެއް ވެސް ނޯވެ އެވެ.

މި ހުރިހާ ކަމަކާ ހިލާފަށް ޑަޔާނާގެ ދަރިން ތަރުބިއްޔަތު ކޮށްފައިވަނީ ފުރިހަމައަށް ލޯބި ދީގެންނެވެ. އަދި ގިނަ ދުވަސް ވަންދެން ދަރިންނާ ދުރުގައި ހުރުމަކީ ޑަޔާނާ ގަބޫލުފުޅުކުރައްވާ ކަމެއް ނޫނެވެ. އެހެން ކަމުން ޑަޔާނާ ދަތުރުކުރައްވާ އިރު އަރިހުގައި އެ ކަމަނާގެ ދެ ބޭފުޅުން ކަމަށްވާ ވިލިއަމް އާއި ހެރީ ގެންދަވަ އެވެ. އަދި އެއްވެސް އިރެއްގައި އާންމު ތަންތަނުގައި ވެސް ދަރިންދެކެ ވާ ލޯބި ހާމަކުރުމަށް ފަސްޖެހި ވަޑައިނުގަންނަވަ އެވެ.

މީގެ އިތުރުން ކުރީގައި ޝާހީ އާއިލާގެ ވާރިސުން ސްކޫލަށް ދިއުމުގެ ބަދަލުގައި ތައުލީމު ހާސިލްކުރަނީ ގަނޑުވަރަށް މުދައްރިސުން ގެނެސް ގެންނެވެ. މި އުސޫލު ބަދަލުކުރައްވާ ޑަޔާނާގެ ދެ ބޭފުޅުން ވެސް ވަނީ ސްކޫލަށް ފޮނުވާފަ އެވެ. އަދި މިއީ ސްކޫލަށް ގޮސްގެން ތައުލީމު ހާސިލްކުރި ޝާހީ އާއިލާގެ ފުރަތަަމަ ދެ ބޭފުޅުން ވެސް މެ އެވެ.

ދަރިންނަށް ވީހާވެސް އާދައިގެ ދިރިއުޅުމެއް ދެއްކުމަށް ޑަޔާނާ ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވެ އެވެ.

އާންމުު މީހުންނާ އޮންނަ ގުޅުން

ޑަޔާނާގެ ނަން ސީދާ ގޮސް ގުޅެނީ އިންސާނީ ހިދުމަތާ އެވެ. ޑަޔާނާ ހޮސްޕިޓަލްތަކަށް ވަޑައިގެން އިންސާނީ ހިދުމަތަށް މަސައްކަތް ކުރެއްވީ ނުހަނު ގަޔާވެގެން އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "މީހުންގެ ޕްރިންސެސް" ގެ ލަގަބު ލިބިވަޑައިގަތީ ވެސް މި ސަބަބަށްޓަކަ އެވެ.

އެޗްއައިވީ ބަލިމީހުންނަށް ބިރުވެރި ނަޒަރަކުން މީހުން ބަލަމުން ދިޔަ ދުވަސްވަރެއްގައި ޑަޔާނާ ވަނީ އެ މީހުންނަށް ޒިޔާރަތްކޮށް އެކުގައި ވަގުތު ހޭދަކުރައްވައިފަ އެވެ. މީގެ އިތުރުން ވެސް އެތައް ބަލި މީހުންނަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލު ބަލާފައިވެ އެވެ. އެއީ ކުރިން އާންމު ރައްޔިތުންނަ މެދު ޝާހީ އާއިލާގެ އެއްވެސް ބޭފުޅަކު ކަންތައް ކުރެއްވި ގޮތެއް ނޫނެވެ.

ޝާހީ އާއިލާގެ ޕްރޮޓޮކޯލްގެ ދަށުން ޝާހީ އާއިލާގެ އެއްވެސް މީހެއްގެ ގައިގައި އަތް ލުމަކީ މަނާ ކަމެކެވެ. މި ޕްރޮޓޮކޯލް އާއި ހިލާފުވެ ޑަޔާނާ ވަނީ އެތައް ކުޑަކުދިންނާއި ބަލި މީހުންނާ ސަލާމްކޮށް، ބައްދައި ހަދައިފަ އެވެ. ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ ފަރާތުން މިއަދު މި ސިފަތައް އަހަރެމެންނަށް ފެނިގެންދެ އެވެ.

އިހުސާސުތައް ހިއްސާކުރުމަށް ފަސްޖެހިވަޑައި ނުގަނޭ

ނޫސްވެރިން ދިޔައީ ޑަޔާނާގެ ހުރިހާ ހަރަކާތެއް ވަރަށް ގާތުން ބަލަމުންނެވެ. މިކަންތަކާ އެކުވެސް ޑަޔާނާ ފެނިގެން ދިޔައީ ނޫސްވެރިންނާ ވަރަށް ރައްޓެހި ބޭފުޅެއްގެ ގޮތުގަ އެވެ.

1995 ވަނަ އަހަރު ޑަޔާނާ ވަނީ ފިރިކަލުންނާއި ދެމެދުގައި މައްސަލަތައް ދިމާވާކަން ހާމަކޮށް ސިއްރު އިންޓަވިއުއެއް ވެސް ދެއްވައިފަ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ކައިވެނި ރޫޅުނެވެ.

މިހާރު ޝާހީ އާއިލާގެ ބޭފުޅުން ފާހަގަކުރެވެނީ މީޑިއާއާއި ރައްޓެހި މޫނުތަކެއްގެ ގޮތުުގަ އެވެ.

ތަފާތު ގޮތް ގޮތަށް ހެދުން އެޅުއްވުން

ޑަޔާނާ އަބަދުވެސް ގެންދެވީ ޝާހީ "ޑްރެސް ކޯޑް" މުނގުރަމުންނެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ފެނިގެން ދިޔައީ ނުހަނު ހިތްގައިމުކޮށެވެ. މީގެ އިތުރުން ޑަޔާނާ އަކީ ތަފާތު ވައްތަރުތަކުގެ ހެދުން އަޅާ "އެކްސްޕެރިމެންޓް" ކުރުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޑަޔާނާ ވެގެން ދިޔައީ ރަސްމީ އިވެންޓަކަށް ފަޓޫލޫނު ތުރުކުރައްވައިގެން ވަޑައިގެންނެވެނި ހަމައެކަނި ޝާހީ އަންހެން ކަނބަލަށެވެ.

ޝާހީ އާއިލާގެ ބޭފުޅުންނާ ކަޅު ހެދުން ތުރުކުރެއްވޭނީ ޖަނާޒާތަކުގައި އެކަންޏެވެ. އެހެން ނަމަވެސް ޑަޔާނާ ވަނީ އެކި ފަހަރު މަތިން ކަޅު ކުލައިގެ ހެދުން އެކި ހަފްލާތަކުގައި ތުރުކުރައްވައިފަ އެވެ.

މި ފިޔަވަޅުގެ މަތިން މޭގަލް މާކެލް ވެސް ފެންނަނީ ފެޝަނަށް ލޯބިކުރައްވާ، އަދި ޝާހީ "މިންގަނޑު" ތަކަށް ނުފެތޭ ހެދުންތައް ތުރުކުރައްވާ ބޭކަނބަލެއްގެ ގޮތުގަ އެވެ.