ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިން ޕާކެއް ގާއިމްކޮށްފި އެވެ.
މި ރީޑިން ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ނޮޅިވަރަމްފަރު ޔޫތް ޑިވެލޮޕްމަންޓުންނެވެ.
މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. މިތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތަކެކެވެ. އަދި މިތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ބެހެއްޓިފައިވެ އެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިށީނުމަށް ބެންޗާއި، އުނދޯލި އަދި ގޯލިފަތި ވަނީ ބެހެއްޓިފަ އެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް ގެ ފަރާތުން މުޙައްމަދު އާޞިފް ވިދާޅުވީ މި ރީޑިން ޕާކުގެ ސަބަބުން މުޅި ރަށަށް ވެސް ނުހަނު ބޭނުންތެރި މަގްސަދެއް ހާސިލްވެގެންދާނެ ކަމަށެވެ.
"ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނެވެރިން ހިމެނޭހެން މި ރަށުގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުން ސްކޫލް ބޭނުންކުރުމުގެ ސަބަބުން ރީޑިން ޕާކް ގާއިމްކުރެވިފައި ވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައި. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އިން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެ އެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކު ވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެ އެވެ.