އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ވައުދުތައް ފުއްދުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ރައީސް ސޯލިހު މި ޔަގީންކަން ދެއްވީ އެމަނިކުފާނުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން ރައީސް ވަނީ ޝާހިދަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފަ އެވެ.

ދެ ބޭފުޅުން ޑައިސްއަށް އަރައިވަޑައިގަތުމުން ވަނީ ދިވެހި ގައުމީ ސަލާމް ކުޅެފަ އެވެ. އެއަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި ދެ ބޭފުޅުންގެ މެދުގައި މަޝްވަރާތައް ބޭއްވެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޝާހިދަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ރިޔާސަތުގައި އދ.އަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ވެސް ދެ ބޭފުޅުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ކުދި ގައުމުތަކާގުޅޭ ކަންކަމުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

ދެ ބޭފުޅުން އެކުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުން ޒިންމާކުރުމަށް އދ. އިން ކުރާ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި މިނިސްޓަރު ޝާހިދުގެ ދައުރުގައި ރާއްޖޭގެ ޒުވާނުންނަށް އިތުރު ފުރުސަތު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އދ. އޮފީހުގައި ދިވެހި ޒުވާނުން މަސައްކަތްކުރަން ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޕީޖީއޭގެ ވައުދުތައް ފުއްދުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ރާއްޖެއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއަކީ ކުޑަ ގައުމެއްކަމުގައި ވިޔަސް ރާއްޖެއަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުވުމަކީ ބައިނަލްއަގުވާމީ ކޮމިއުނިޓީގައި ރާއްޖެ ބަލައިގެންފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއަކީ އަބަދުވެސް ޖޯޝާ ފޯރީގައި އުންމީދާއެކު ކުރިމަގު އުޖާލާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާ ގައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެގޮތަށް ޖޯޝާ ފޯރީގައި އުންމީދާއެކު އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އދ. އިން ގަދައަޅައި މަސައްކުރާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިންގެ ނަމާ ޝަރަފާ ފަޚުރު ދެމެހެއްޓުމަށްޓަކައި ހިފެހެއްޓުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ވުމުގެ ފުރުސަތު ދިވެއްސަކަށް ލިބިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.