ކެލިފޯނިއާ (09 އޮކްޓޯބަރު) - އެއް ހަފްތާ ތެރޭގައި ދެވަނަ ފަހަރަށް ފޭސްބުކްއާއި އެކުންފުނީގެ ދަށުން ހިންގާ ބައެއް އެޕްލިކޭޝަންތަކުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އިންސްޓަގްރާމްއިން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ އެޕްލިކޭޝަންގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އޭގެ ކުޑައިރު ކޮޅެއް ފަހުން ކުރި އެހެން ޓުވީޓެއްގައި މައްސަލަތައް ރަނގަޅުވެ ހިދުމަތްތައް އަލުން ފެށިފައިވާ ކަމަށް އިންސްޓަގްރާމްއިން ބުންޏެވެ.

އެއާއެކު ފޭސްބުކްއިން ކުރި ޓުވީޓެއްގައި އެ އެޕްލިކޭޝަންގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާކަން އެނގޭ ކަމަށާއި ވީހާ އަވަހަކަށް އެ މައްސަލަތައް ރަނގަޅު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން މި ހަފްތާގެ ހޯމަ ދުވަހު ވެސް ފޭސްބުކް އާއި އެކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމް، ވަޓްސްއަޕް އަދި މެސެންޖާގެ ހިދުމަތްތައް ވަނީ ގާތްގަނޑަކަށް ހަގަޑިއިރު ވަންދެން މެދުކެނޑިފަ އެވެ.

މިކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި ފޭސްބުކްގެ ހިއްސާ 4.9 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު އެކުންފުނީގެ ވެރިޔާ މާކް ޒަކަބާގްގެ މިލްކިއްޔާތުން ހަ ބިލިއަން އެމެރިކާ ޑޮލަރު ވަނީ ގެއްލިފަ އެވެ. -- އަލް އަރަބިވއްޔާ