ގަބުރުސްތާނަކީ މީހުން މަރުވުމުން ވަޅުލާން އޮންނަ ތަނެކެވެ. އާންމު ގޮތެއްގައި ބިރު ވެރި ނާމާން ތަނެއްގެ ގޮތުގައި ގަބުރުސްތާނު ސިފަ ކުރެވުނު ކަމަށް ވިޔަސް ފިލިޕީންސްގެ ވެރިރަށް މެނީލާގެ އުތުރު ގަބުރުސްތާނުގައި އެ މީހުންގެ މުޅި ހަޔާތް ވޭތުކުރަމުން ގެންދާ އެތައް ހާސް އާއިލާއެއް އުޅެ އެވެ.
"އަހަރެން މިތާގައި ދިރިއުޅޭތާ 51 އަހަރު ވެއްޖެ. އަހަރެން މިތަނުން ދާން މަސައްކަތް ކުރާތާ ވެސް 51 އަހަރު ވެއްޖެ. ސަރުކާރުން ބޭނުން ވަނީ އަހަރެމެން ދިއުމަށް އަހަރެމެން ވެސް ބޭނުން ވަނީ މިތަނުން ދާން އެކަމަކު ކިހިނެއް؟"
އުމުރުން 68 އަހަރުގެ މެރިންޑާ ނަމަކަށް ކިޔާ މީހަކާ ހަވާލާދީ "ދަ ގާޑިއަން" ގައި ބުނެފައިވެ އެވެ. މެރިންޑާ އޭނާގެ ފިރިމީހާ އާއި ކުދިންނާއެކު ދިރި އުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައި ހަދައިފައި ހުންނަ ޖިފުޓިއެއްގަ އެވެ. އެގޮތަށް ޖިފުޓި ހަދައިގެން އެ ގަބުރުސްތާނުގައި އާންމުކޮށް ދިރިއުޅޭ މީހުންގެ އާބާދީ ވަރަށް ބޮޑެވެ. އާދަޔާ ޚިލާފަށް އާބާދީ ގިނަ މެނީލާގެ ފަގީރުންނަށް މިނޫން ގޮތެއް ނެތީ އެވެ. މެރިންޑާ ގަބުރުސްތާނުގައި ދިރުއުޅެމުން ގެންދަނީ 1966 ވަނަ އަހަރުން ފެށިގެންނެވެ.
"އަހަރެމެން މަހާނަތައް ސާފުކޮށް ރީތި ކޮށް ބަހަށްޓަން. މިތާ އުޅޭ ގިނަ މީހުންށް ކުރާނެ މާ ބޮޑު މަސައްކަތެއް ނުލިބޭ. އަހަރެމެން އަބަދުވެސް މަސައްކަތެއް ލިބޭތޯ ބަލަން އެގޮތުން ގަބުރުސްތާނަށް ޒިޔާރަތްކުރާ މީހުނަށް މާ ވިއްކުމާ ސަންދޯއް ޖެހުމާ ވަޅު ކޮނުން ފަދަ ކުދިކުދި މަސައްކަތުން ބަނޑުފުރާނަ މުއްތި ކުރެވޭތޯ ބަލަން،" އޭނާ ބުންޏެވެ.
މެނީލާ އަކީ ދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީތަކުގެ ތެރެއިން އެއް ސިޓީ އެވެ. ދިރި އުޅުމަށް ހެޔޮ ބަދަލެއް ގެނެވޭތޯ ރަށްފުށުގެ ހިސާބުތަކުން މެނީލާއަށް ހިޖުރަ ކުރާ ވަރަށް ގިނަ އާއިލާތަކަށް މަސައްކަތެއް ނުލިބި އުޅޭނެ ގޮތް ހުސްވާތަން އާދެ އެވެ. މިފަދަ ހާލަތުގައި އެފަދަ އާއިލާތައް މަގުމަތީގެ ޖިފުޓި ތަކުގައި ދިރިއުޅެން މަޖުބޫރުވެ އެވެ. ގަބުރުސްތާނުގެ އާބާދީއަކީ މީގެ ތެރެއިން ބައެކެވެ.
މެނީލާގެ އުތުރު ގަބުރުސްތަނަކީ 54 ހަތަރު ހެކްޓަރުގެ ބޮޑު ބިމެކެވެ. އެތާގައި 800 ވަރަކަށް އާއިލާގެ މައްޗަށް އެކުލެވޭ 6000 އެއްހާ މީހުންގެ އާބާދީއެއް ދިރި އުޅެ އެވެ. އެމީހުން އުޅެނީ މަހާނަތަކުގެ މެދުގައި ނުވަތަ މަހާނަތަކުގެ މަތީގައި އުޅެވޭ ގޮތަށް ހިޔާކޮށްފައި ހުންނަ ޖިފުޓިތަކުގަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް މަރުވެފައިވާ މީހުންގެ އާއިލާތަކުން، މަހާނަތައް ބެލެހެއްޓުމާ ހަވާލު ކޮށްފައި އޮވެ އެވެ. އޭގެ އިތުރުން ބައެއް މީހުން މަހާނަ ގާ ހެދުން ފަދަ މަސައްކަތް ކުރެއެވެ. މީގެ އިތުރުން ގަބުރުސަތާނުގައި ބޭނުން ހިފިދާނެ ފަދަ ވަރަށް ގިނަ ތަކެތި ހެދުމާއި ވިއްކުމުގެ މަސައްކަތް އެމީހުން ކުރެ އެވެ.
ގަބުރުސްތާނުގައި ދިރި އުޅޭ މީހުނަށް ދިމާ ވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޑްރަގާ ދެކޮޅަށް ފިލިޕޕީންސްގެ ސަރުކާރުން ހިންގާ ރެއިޑްތަކެވެ. މިފަދަ ރެއިޑްތަކުގައި މަހަކު އެތައް މީހަކު މަރުވެ އެވެ. ޕްރެޒިޑެންޓް ރޮޑިރިގޯ ޑުޓާގެ ޑްރަގާ ދެކޮޅު ހަނގުރާމަ 2016 ވަނަ އަހަރު ފެށުނު ފަހުން އެ ގައުމުގައި ފުލުހުން ބަޑިޖަހައިގެން 12،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ފަހަކަށް އައިސް މިބާވާތުގެ ހަމަލާ އެންމެ ގިނައިން އަމާޒު ވާ އެއްތަނަކީ މި ގަބުރުސްތާނެވެ.
ޕޮލިހުންގެ މިފަދަ ހަމަލާ އެއްގައި މަރުވި މީހުންގެ ތެރެއިން އެކަކީ ކަރަމިލަޓާ ބަހަކަންސް ކިޔާ އަންހެނެއްގެ ފިރިހެން ދަރިފުޅު އައިރިޝް އެވެ. އޭރު އައިރިޝްގެ އުމުރުން 37 އަހަރެވެ. އައިރިޝް ވިހެއީ ވެސް ގަބުރުސްތާނުގަ އެވެ.
"އެރޭ ފަންސާހަކަށް ފުލުހުން އެ އައި ގޮތަށް އައިސް އައިރިޝްގެ ގަޔަސް ވިއްސަކަށް ފަހަރު ބަޑިޖަހާފަ ދިޔައީ. ފުރަތަމަ ވަޒަނާ އެކު ވެސް އޭނާ މަރު ވެއްޖެ. އެކަމަކު އެމީހުން ހުއަޓަނުލާ ބަޑިޖަހަމުން ގެންދިޔައީ. މިހާރު އައިރިޝް އޮންނަނީ އަހަންނަށް އަބަދު ފެންނަ ހިސާބުގަ. އޭނާ ވަޅުލާފައި އޮންނަނީ އޭނާގެ ބައްޕަޔާ އެއް މަހާނައެއްގައި. އެތާކައިރީގައި ނިދޭތީ އަހަރެން ވަރަށް ހިތް ހަމަ ހެހޭ. ކޮންމެވެސް ދުވަހަކުން އަހަރެން ވެސް މަރުވާނެ. އަހަރެން ބޭނުންވަނީ އަހަރެން ވެސް ހަމަ އެ މަހާނައިގައި ވަޅުލެވެން،" ބަހަކަންސް ބުންޏެވެ.
ބަހަކަންސް ބުނާ ގޮތުން އެ ގަބުރުސްތާނުގައި ޑްރަގް ބޭނުންކުރުމުގެ މައްސަލަ ކުރިން އޮތް ނަމަވެސް މިހާރަކު އެކަމެއް ނެތެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން އެތަން ރެއިޑްކުރެ އެވެ. ގިނައިން ޕޮލިސް ދަނީ ފަތިހާއި އިރު އޮއްސޭ ގަޑީގަ އެވެ. ކަނު އަނދިރީގައި ގޮސް ބަޑި ޖަހާ އެމީހުން ބޭނުން ބަޔަކު މަރާލައިފައި ދަނީ އެވެ. ޚަރަދު ކުރާނެ ފައިސާ ނެތުމުގެ ސަބަބުން އެގޮތައް ޕޮލިހުން މަރާލާ މީހުންގެ މައްސަލަ ބެލޭނޭ ގޮތެއް ނޯވެ އެވެ. އޭގެ އިތުރުން އެ ގަބުރުސްތާނުގައި އުޅޭ އާބާދީގެ ރަޖިސްޓަރީއެއް ނެތުމުން ވެސް މައްސަލަ ބެލުން އޮންނަނީ މުސްތަހީލު ކަމަކަށްވެފަ އެވެ.
ގަބުރުސްތާނުގެ އާބާދީއަކީ ވެސް މެނީލާގެ ތޮއްޖެހިފައިވާ އާބާދީގެ ބައެކެވެ. އެ މީހުން ދިރި އުޅެނީ ސާފު ފެނާއި ކަރަންޓާއި ފާޚާނާ ފަދަ ޒަރޫރީ ޚިދުމަތްތަކާ ވަކިންނެވެ. އެފަދަ ޚިދުމަތްތަކަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ކުރި ކަމުގައި ވިޔަސް އެޝަކުވާތައް އަޑު އަހާނެ ބަޔަކު ނުތިބެ އެވެ. ގަބުރުސްތާނުގެ އާއިލާތަކަށް ބޭނުންވާ ސްކޫލެއް އެހިސާބުގައި ބިނާ ކޮށް ދިނުމަށް އެދި ކައުންސިލަށް ހުށަހެޅި ޕެޓިޝަނަށް ވެސް ޖަވާބެއް ނުލިބުނެވެ. އެހެން ކަމުން އެމީހުން ނިންމީ އަމިއްލަޔަށް މަދަރުސާ އެއް ހިންގާށެވެ. މިހާރު ގަބުރުސްތާނުގައި ކުޑަކުދިންނަށް އުންގަންނައިދޭ މަދަރުސާއަކާއި 24 ގަޑި އިރު ޚިދުމަތްދޭ ފިހާރައެއް ވެސް ހުރެ އެވެ.
ގަބުރުސްތާނު އާބާދީގެ ޒުވާން ޖީލުގެ ގިނަ ކުދިން އުފަންވީ ވެސް ގަބުރުސްތާނުގަ އެވެ. އެކުދިންގެ މައިން ބަފައިން މަރުވެގެން ވަޅުލައިފައި ވެސް ވަނީ އެ ގަބުރުސްތާނުގަ އެވެ. އެ މީހުން ބުނާގޮތުގައި އެތާގައި ދިރިއުޅުމަކީ އެ މީހުންގެ އުފަލެކެވެ. އެ މީހުންގެ މަރުވެފައިވާ އާއިލާގެ މީހުންގެ މަހާނަ ކައިރީ ނިދައި، އެ މަހާނަތައް ބަލަހައްޓައި އުޅެވޭތީ އެ މީހުނަށް ހިތްހަމަ ޖެހުން ލިބެ އެވެ.
ސަރުކާރުން ބޭނުން ވަނީ އެމީހުން އެތަނުން ދާށެވެ. އެމީހުން ވެސް ދާކަށް ބޭނުމެވެ. އެކަމަކު ދާނެ ތަނެއް ނެތެވެ. އެމީހުން ބުނާގޮތުގައި އެމީހުން ވެސް ކުރަނީ ގައުމީ ޚިދުމަތެކެވެ. ކަށްވަޅު ކޮނުމާއި މަހާނަ ގާ ހެދުމާއި ސަންދޯއް ޖެހުމާއި މަހާނަތައް ބެލެހެއްޓުމަކީ ކޮންމެ ކޮންމެ ބަޔަކު ކުރަން ބޭނުން ނުވާ ނަމަވެސް ކޮންމެ ވެސް ބަޔަކު ކުރަން ޖެހޭ ކަމެކެވެ. ފަންސާސް އެތައް އަހަރަކަށް ދެމިގެންދާ ގަބުރުސްތާނުގެ އާއިލާތަކުގެ މުސްތަގުބަލަށް ކުރެވޭ މާ ބޮޑު އުންމީދެއް ނެތެވެ. އެހެންކަމުން އެ މީހުންގެ ގަބުރުސްތާނުގެ ދިރިއުޅުން އޮތީ ކުރިއަށެވެ. ވިހޭއްސުރެ ކަށްވަޅަށް ދަންދެން ވެސް ގަބުރުސްތާނުގަ އެވެ. -- ދަ ގާޑިއަން