އަވަށްޓެރި އިންޑިއާއަށް ސަނާކިޔައި ޓުވީޓް ކުރަން ފޮރިން މިނިސްޓްރީން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް އަންގައިފި އެވެ.
އެ އެންގުމާ ގުޅިގެން އެމްޑީޕީގެ އެކި ލެވެލްގެ ފަރާތްތަކުން އަންނަނީ އިންޑިއާ އަށް ތައުރީފާއި ސަނާ ކިޔައި ޓުވީޓް ކުރަމުންނެވެ.
އެގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ރަހްމަތްތެރި ކަމަށް އޭނާ ލޯބި ކުރައްވާ ކަމަށެވެ.
"އަހެރެންނަކީ ފަޚުރުވެރި ދިވެއްސެއް! މަ ދިވެހި- އިންޑިޔާ ރަހްމަތްތެރިކަމަށް ލޯބިކުރަން" އާޒިމްގެ ޓްވީޓްގައިވެ އެވެ.
އިންޑިއާ އަށް ސަނާ ކިޔައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ އަވަހަށް އެހީތެރިވެދޭ ގައުމަކީ އިންޑިއާ ކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ 3 ނޮވެމްބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާދިން ރާއްޖެ ރައްކާތެރިކޮށްދިނުމަށް އިންޑިއާއިން ކުރި މަސައްކަތެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއަށް އިންޑިއާ އިން 47 މިލިއަން ޑިލަރުގެ އެހީވެދީފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. މިނިސްޓަރު އެ ވިދާޅުވީ އިންޑިއާ އިން ނަގާފައިވާ ލޯނުތަކުން ކުޅިވަރުގެ ދާއިރާއަށް ޚަރަދު ކުރަންޖެހޭ ފައިސާގެ ވާހަކަ އެވެ.
އިންޑިއާގެ ދިފާއުގައި ބަސްބުނަން ސަރުކާރުގެ ބޭފުޅުން ފަށާފައި މިވަނީ އިންޑިއާ އައުޓް ހޭޝްޓެގެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އިންޑިއާ ސިފައިން ރާއްޖެ އައީ ހެލިކޮޕްޓްރު ދުއްވުމުގެ ނަމުގައެވެ. ހެލިކޮޕްޓަރު ދުއްވަން ދިވެހީންނަށް ދަސްކޮށްދިނުމަށް އިންޑިއާ އިން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ހެލިކޮޕްޓަރު ދުއްވުމަކީ ދިވެހި ސިފައިންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ދެހަވާ މޭރުކަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.