ސެމްސަންގް ކުންފުނީގެ ޗެއާމަން، ލީ ކުން-ހީ 78، މަރުވެއްޖެ އެވެ.

ލީ ވަނީ އޭނާގެ ބައްޕަގެ ކުޑަ ކުޑަ ޓްރޭޑިން ވިޔަފާރި ފުޅާކޮށް ދުނިޔޭގެ އިންޝުއަރެންސް އާއި ޝިޕިން ހިމަނައި، ސެމްސަންގަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭޑަކަށް ހަދާފަ އެވެ.

ލީ ގެ މަސައްކަތުން ސެމްސަންގް އިލެކްޓްރޯނިކްސް ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު ޓެކް ފާމް ތަކުގެ ތެރޭގައި ހިމެނިފަ އެވެ.

މީގެ އިތުރުން ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ 21 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ސައުތު ކޮރެއާގައި ހުރި އެންމެ މުއްސަދި މީހާ ވެސް މެ އެވެ.

ސެމްސަންގް އިން ހާމަކޮށްފައިވާ ގޮތުގައި ލީ މަރުވި އިރު އާއިލާ މީހުން ކައިރީގައި ތިއްބެވެ. ލީ މަރުވި ވަކި ސަބަބެއް ހާމަކޮށްފައި ނުވާ އިރު، 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހުމަށް ފަހު އޭނާ އުޅުނީ ބަލިކޮށެވެ.

ލީ އަކީ ސެމްސަންގް ގްރޫޕް އުފެއްދި ލީ ބްޔުންގް-ޗުލް ގެ ތިން ވަނަ ދަރިފުޅެވެ. 1938 ވަނަ އަހަރު އުފެއްދި ކުންފުންޏާ ލީ ގުޅިފައިވަނީ 1968 ގަ އެވެ. އަދި ބައްޕަ މަރުވުމަށް ފަހު ކުންފުންޏާ ހަވާލުވީ 1987 ގަ އެވެ.

އޭރު މީހުންނާ ސެމްސަންގް އެނގެނީ ކޮލިޓީ ދަށް އެއްޗެހި އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ލީގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ވަނީ ހަރުދަނަ ބަދަލުތަކެއް ގެނެސްފަ އެވެ.