ދޯހާގެ ހަމަދް އިންޓަނޭޝަނަލް އެއާޕޯޓުގެ ފާހާނާއެއްގެ ތެރެއިން ދުވަސް ނުފުރާ ވިހާފައި އޮތް ކުއްޖަކު ފެނުމާއި ގުޅިގެން އޮސްޓްރޭލިއާގެ އަންހެނުންތަކެއް ބަލާ ފާސްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދޯހާއިން ސިޑްނީއަށް ދާން އޮތް ފްލައިޓަކުން ދަތުރު ކުރަން ތިބި މި އަންހެނުންގެ ހަށިގަނޑުގެ "އެތެރެ" އަށް ދާންދެން ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ބެލުމުން އޮސްޓްރޭލިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފާހާނާ ތެރެއިން އެ ކުއްޖާ ފެނުނު އިރު އޮތީ މަރުވެފައިތޯ ނުވަނަ ދިރިއޮތްކަން ވެސް މިހާތަނަށް ކަމާބެހޭ ފަރާތަކުން ޔަގީންކޮށްދީފައި ނުވާއިރު އެކި ނޫސްތަކުގައި ރިޕޯޓުކުރަމުން ދަނީ އެކި ގޮތަށެވެ.

މި މައްސަލައާ ގުޅިގެން ބަލާ ފާސްކުރި މީހުންގެ ތެރޭގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ 13 އަންހެނަކު ހިމެނެ އެވެ.

އެމްބިއުލާސްގައި އެމީހުން ގެންގޮސް ޓެސްޓް ކުރުމަށް "ތިރިން ލައިގެން ތިބި ހުރިހާ އެއްޗެއް ބޭލުމަށް" އަންގާފައިވާ ކަމަށް ޗެނަލް ސެވަން އިން ރިޕޯޓުކޮށްފައިވެ އެވެ. އަދި ބަލާ ފާސްކުރުމަށް ގެންދެވުނު އިރު އެއީ ކޮން ސަބަބަކާއި ގުޅިގެން ކަމެއްވެސް އަންގާފައި ނުވާ ކަމަށް މި އަންހެނުން ބުނެ އެވެ.

މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވާގޮތުން ގަތަރުގެ ކަމާބެހޭ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ކަން ހިނގާ ދިޔަގޮތް ގަތަރުގެ ސަރުކާރުން ހާމަކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.