ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވުނު މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފެދޭ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރުން ކަމަށާއި، އޭގެ އަސަރު މުޅި މުޖުތަމައުއަށް ފޯރައިގެން ދިއުންކަން ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން، ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފޭދޫ ޕޮލިސް ޑެސްކު ހުޅުއްވައި ދެއްވުމަށްފަހު ހޯމް މިނިސްޓަރު އާއި ކޮމިޝަނަރު ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފަ އެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު އާއި އަޕާ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމްގެ އިތުރުން ށ. ފޭދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.