ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި ބަދަލުތަކަކާ ބެހޭ ގޮތުން ސިވިލް ސާވަންޓުން ކަންބޮޑުވެ އެ ވާހަކަ ދައްކަން ފަށައިފި އެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެ ގެނެވުނު ބަދަލުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅެ އެވެ. އޮފީހުގައި ދައްކާ ވާހަކައަކުން ވެސް ކުށްވެރިވެދާނެ ފަދަ މާއްދާތަކެއް އެ ގަވާއިދުގައި އޮންނާތީ އެވެ. އެކަމަކު ސިވިލްސާވިސް ކޮމިޝަނުން ދެކޭ ގޮތުގައި އެ ކޮމިޝަނުން ގަވާއިދަށް ގެނައީ "ހެޔޮ ބަދަލެ"ކެވެ.

އެ ކޮމިޝަންގެ މެމްބަރު ފަތިމަތު އާމިރާ މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި ސިވިލް ސާވިސްގެ ގަވާއިދަށް އަލަށް ގެނެވުނު ބަދަލުގެ ސަބަބުން މުވައްޒަފުންނާ ދޭތެރޭގައި ވެރިންނަށް ބޭނުން ގޮތަކަށް ފިޔަވަޅު ނޭޅޭނެ އެވެ. ސަބަބަކީ ގާނޫނުގައި ފުޅާކޮށް އޮތް ވާހަކައެއް މިފަހަރުގެ ގަވައިދުން ސާފުކޮށް ޚުލާސާ ކޮށްފައި އޮތުމެވެ.

އާމިރާ އެ އިޝާރާތް ކުރައްވަނީ ރަސްމީ ގަޑިގައި ނުވަތަ ރަސްމީ ކަމެއްގައި އުޅޭއިރު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ގާނޫނުގައި މަނާ ވެފައި އޮންނަ އޮތުމަށެވެ. ގާނޫނުގެ އެ މާއްދާއަށް ބަލާއިރު އޭގައި މާބޮޑު މައްސަލައެއް އޮތް ކަމަށް ނުފެނެ އެވެ. ސަބަބަކީ ސިވިލް ސާވިސްގެ މުވައްޒަފަކު އޭނާގެ ވަޒީފާގެ ރަސްމީ ގަޑީގައި އެ ވަޒީފާގެ މަސްއޫލިއްޔަތު ނޫން އެހެން ކަމެއް ކޮށްގެން ނުވާނެތީ އެވެ. އެއީ ދަރިފުޅު ސްކޫލަށް ގެންދިއުން ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގެ މަސައްކަތެއްކުރުން ކަމަށް ވިޔަސް ވާނީ އެއްގޮތެވެ. އެ ކުރެވެނީ ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުގެ މަސައްކަތްތަކެވެ. އެކަންތައް ކުރެވިގެން ނުވާނެ އެވެ. ނަމަވެސް އަލަށް އިސްލާހުކޮށް، އާމިރާގެ ވިދާޅުވާގޮތުން ނަމަ ގެނެވުނު ހެޔޮ ބަދަލުގައި މިވަނީ އޮފީސް ގަޑީގައި ދެކެވޭ ވާހަކަތަކުން ކަނޑައެޅިގެން ކުށްވެރިވާ ގޮތަށް ގަވާއިދު ބައްޓަން ކުރެވިފަ އެވެ.

އަލަށް އިސްލާހުކޮށް ނެރުނު ގަވާއިދުގައި މުވައްޒަފުންނާ ދޭތެރޭ ސިޔާސީ ހަރަކާތެއް ހިންގިކަމުގެ ކުށުގައި ފިޔަވަޅު އެޅޭނެ ގޮތް ވަނީ ތަފުސީލުކޮށް ދީފަ އެވެ. އެގޮތުން ރަސްމީ ގަޑިގައި ސިޔާސީ ވާހަކައެއް ދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެކެވެ. ސިޔާސީ ވާހަކައެއް ދައްކައި ބަހުސެއް ކޮށްފިނަމަ އެކުރެވުނީ ދެވަނަ ދަރަޖައިގެ ކުށެކެވެ.

ސިޔާސީ ވާހަކަ އާ ސިޔާސީ ވާހަކައަކަށް ބަހުސްކުރުން މިއީ ކޮން ކަމެއް ހެއްޔެވެ؟ އެކަމެއް ގަވާއިދުގައި ބުނެދީފައެއް ނެތެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި، އެ މާއްދާއެއްގައި އަޅައިގެންފައި މުވައްޒަފުން ވެއްޓޭ ގޮތަށް ހަދައިފައިވާ މާއްދާއެކެވެ.

ވެރިން ބޭނުން ވެއްޖެ ހިނދެއްގައި ކޮންމެ މީހަކު ވެސް މިގަވައިދުގެ ދަށަށް ފައްތައި އަދަބު ދިނުމަށް މަގުފަހިކޮށް ދީފައި އޮތް ގަވާއިދެކެވެ. މިސާލަކަށް، އޮފީހުގެ މޭޒުދޮށުގައި މަސައްކަތްކުރަން ހުރި އަހުމަދު، ޖެހިގެން ހުރި މުހަންމަދަށް ބުންޏެވެ.

"މިހާރު ދެން މަހުގެ އަގު ވެސް އަތްފޯރާ ވަރެއް ނޫނެވެ." ވެރިން ބޭނުން ވެއްޖެނަމަ އަހުމަދު އެ ދެއްކީ ސިޔާސީ ވާހަކައަކަށް ހެދިދާނެ އެވެ. އަހުމަދު އެ މާނަކުރަނީ މިހާރުގެ ސަރުކާރުން މަހުގެ އަގު ކޮންޓްރޯލް ކުރަން މާބޮޑު ފިޔަވަޅެއް ނާޅަތީ ރައްޔިތުންނަށް ލައިގެން ކާ އެއްޗެއް ނުލިބޭ ވާހަކަކަމަށް ބުރަވެވޭ ފަދަ ހެކި އޭނާ އެ ބަސް ބުނި ރާގުން ދޭހަ ވެދާނެ އެވެ. އެކަމަށް ބޭނުންވާ އިތުރު ހެކިތައް ހޯދައި އަހުމަދު އެއްވަނަ ދަރަޖައިގެ ކުށެއް ކުރި ކަމަށް ބެލެވިދާނެ އެވެ.

އަހުމަދުގެ އެ ވާހަކައިގެ ޖަވާބުގައި ޖެހިގެން ހުރި މުހަންމަދު ބުނީ ދެން މަހުގެ އަގު ވެސް ހެޔޮ ވެދާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަނީ ކުރިމަތީގައި އޮތް އިންތިޚާބަށް ފަހު ކަންތައް ރަނގަޅުވާނެ ވާހަކަ ކަމަށް ބެލެވިދާނެ އެވެ. އޭގެ ޖަވާބުގައި އަހުމަދު ބުނީ މަހުގެ އަގު އެއްވަރަކަށް މައްޗަށް ދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އެއްވެސް ކަހަލަ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ވާހަކަ އެވެ. މިތަނުގައި އަހުމަދަށް މި އޮތީ ދެވަނަ ދަރަޖައިގެ ކުށެއް ކުރެވިފަ އެވެ. ސިޔާސީ ބަހުސެއް ކޮށްގެންނެވެ.

މަތީގައި އެވާ ސިނާރިއޯއަކީ ސިވިލް ސާވިސް ކޮމިޝަނުން ސިވިލް ސާވިސްގެ ގަވައިދަށް ގެނައި "ހެޔޮ" ބަދަލުން ނިކުމެދާނެ މައްސަލަ ތަކެވެ.

ހަގީގަތަކީ ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އިންސާނަކަށް ވީތީ ލިބެން ޖެހޭ ހައްގެއް ކަމެވެ. އެއީ ޑިމޮކްރެސީގެ އަސާސީ ހައްގެކެވެ. އެ ހައްގު ހަނިކުރެވޭ ފަދަ އެއްވެސް ގަވައިދެއް ޑިމޮކްރެޓިކް ވެށްޓެއްގައި ހެދިގެން ނުވާނެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން ކޮންމެ ގޮތަކަށް ދުށް ކަމުގައި ވިޔަސް އަދި އެ ކޮމިޝަނުން އާންމު ކުރި ގަވައިދު ހެދީ ކޮން ޒަމާނެއްގައި ކޮންމެ ބައެއް ކަމުގައި ވިޔަސް އެ ގަވާއިދަކީ ޚިޔާލު ފާޅު ކުރުމާ ހިއުމަން ރައިޓްސް އަށް އޮތް ގޮން ޖެހުމެކެވެ.