ބޮލީވުޑްގެ ރަސްގެފާނު؛ ޝާހުރުކް ހާންގެ 55 ވަނަ އުފަން ދުވަހުގެ ކައުންޓްޑައުން ފެށިގެން ކުރިޔަށްދާއިރު، ޝާހު ވަނީ އޭނާގެ ފޭނުންނަށް ހާއްސަ ފުރުސަތެއް ހުޅުވާލާފަ އެވެ. "އާސްކް މީ އެނީތިންގް" ގެ ނަމުގައި ޓުވިޓާއިން ޝާހުއާއި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ފޭނުން ދަނީ ވަރަށް ތަފާތު ސުވާލުތައް އޭނާއާއި ކުރިމަތި ކުރަމުން ނެވެ.

މިސެޝަންގެ ތެރެއިން ފޭނަކު ވަނީ ޝާހުގެ 55 ވަނަ އުފަން ދުވަސް؛ ނޮވެމްބަރު 2ގައި ފާހަގަކުރާއިރު މިއަހަރު ފޭނުންނަށް ޝާހުރުކް ހާން ދިރިއުޅޭ ގެ، މަންނަތު ކައިރިއަށް ދިޔުން ފުލުހުން ހުއްޓުވާނެތޯ ސުވާލުކޮށްފަ އެވެ. ރައްދުގައި ޝާހު އެދިފައިވަނީ ކޮވިޑުގެ ހާލަތުގައި އެއްގޮތަަކަށް ވެސް، އެއްވެސް މުނާސަބަތަކާއި ގުޅުވައިގެން، އެއްވެސް ތަނަކަށް އެއް ނުވާން އިލްތިމާސްކޮށްފަ އެވެ.

ދެ އަހަރުގެ ދުވަހުގެ މެދުކެޑުމަކަށްފަހު ޝާހު އެބުރި ސްކްރީނަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރަށް ތާވާލުކޮށްފައިވާ ފިލްމު "ޕަތާން" އިންނެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން މިފިލްމުގައި ޝާހުރުކް ހާން އާއި އެކު ފެނިގެންދާނީ ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް އެވެ.

ބޮލީވުޑްގައި ދިގު މުއްދަތެއް ހޭދަކޮށްފައި ވާއިރު ޝާހުރުކް ހާންގެ ގިނަ ކާމިޔާބު ފިލްމުތަކަކަށް އަހަރުފުރުން ދަނީ މިދުވަސްކޮޅު ފާހަގަކުރަމުން ނެވެ. އެގޮތުން އެންމެ ފަހުން، އަންގާރަ ދުވަހު ފާހަގަކޮށްފައި ވަނީ "މުހައްބަތެއިން" އަށް 20 އަހަރު ފުރުމެވެ.