ފްރާންސްގައި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނު ކުރަހައި، ކުރި ފުރައްސާރައާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވަން ކުރާ މަސައްކަތް ސައުދީ އަރަބިއާއިން ކުށްވެރިކޮށްފި އެވެ.

ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ފްރާންސްއިން ދިފާއުކޮށްފައި ވާތީ ފްރާންސްއާއި މުސްލިމް ގައުމުތަކާ ދެމެދު މައްސަލަ ވަނީ ގޯސްވެފަ އެވެ.

"އިންޓަލެކްޗުއަލް އަދި ސަގާފީ ގޮތުން ލިބިދޭ މިނިވަންކަން ނާޖާއިޒުގޮތުގައި ބޭނުންކޮށް، ރުޅިވެރިކަމާއި ނަފުރަތު ފަތުރަން ކުރާ މަސައްކަތް ބަލައެއް ނުގަނެވޭ،" ސައުދީގެ ފޮރިން މިނިސްޓްރިގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ފްރާންސްގައި ރަސޫލާއަށް ނިސްބަތްކޮށް ކުރަހާފައި ހުރި ކާޓޫނުތައް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށް މަރާލި މައްސަލައަށް އިޝާރާތްކޮށް އޮފިޝަލް ވިދާޅުވި ގޮތުގައި އެފަދަ ޓެރަރިޒަމްގެ އަމަލުތައް ސައުދީ އިން އަބަދު ވެސް ކުށްވެރި ކުރާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލައްވާފަ އެވެ.