ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ވަކި ވަކި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހަށް ފަތްކޮޅު އަރުވާފައިވަނީ ނައިޖީރިއާގެ އާސަފީރު ހިޒް އެކްސަލަންސީ އަބިއޮޔޭ މުހައްމަދު ބެއްލޯ، ފިލިޕީންސްގެ އާސަފީރު ހިޒް އެކްސަލަންސީ އެލަން އެލް ޑެނިއެގާ އަދި ނިއުޒިލެންޑްގެ އާސަފީރު ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަން އެވެ.

ނައިޖީރިއާގެ އާ ސަފީރާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްވަނީ ރާއްޖެއާއި ނައިޖީރިއާ އާއި ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީހީ ގާތް ގުޅުން ފާހަގަކުރައްވާ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް އަޒުމް ކަނޑައަޅާފައިވަނީ، ދެ ގައުމުން ގަބޫލުކުރާ އެއްބައިވަންތަކަމުގެ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަން ފާހަގަކުރައްވާފަ އެވެ.

ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ އަބިއޮޔޭ މުޙައްމަދު ބެއްލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ނިއުޒިލޭންޑްގެ ސަފީރާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި ރައީސް ސޯލިހްވަނީ ރާއްޖެ އާއި ނިއުޒިލެންޑާ ދެގައުމުގެ ދެމެދުގައި އޮންނަނީ އެއްގައުމުން އަނެއް ގައުމަށް ހާއްސަ އަދި ދެގައުމުގެވެސް ސައުގުވެރިކަން އޮނަނަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ބައިނަލްއަގްވާމީ މައިދާނުގައި، ދެ ގައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި ފާހަގަކުރެއްވި އެވެ.

ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި، ދެ ގައުމުގެ މިހާރުގެ ކޮވިޑްގެ ހާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ގައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަސްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ފިލިޕީންސްގެ އާސަރީފާ އެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އާއި ސަފީރު ވަނީ ދެ ގައުމުގައި ހުރި ހިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަސްވަރާކުރައްވާފ ައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ގައުމުގެ މިހާރުގެ ކޮވިޑްގެ ހާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.