އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މުނޫ މަހާވަރު މިއަދު ސަފީރު ކަމުގެ މަގާމާ ރަސްމީގޮތުން ހަވާލުވެ ވަޑައިގެންފި އެވެ، މުނޫ މަހާވަރުވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވާފަ އެވެ.

ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފު ކުރެއްވި އެވެ.

އިންޑިޔާގެ އާ ސަފީރު ރަސްމީގޮތުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށާފައިވާއިރު އިންޑިޔާގެ މިލިޓަރީ ސިފައި ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް ރައްޔިތުންދަނީ އަޑު އުފުލަމުންނެވެ.