އަހުމަދު ނަސީރު އަލީ (ބޭބީ ނަސީރު) ކާކުކަން ނޭނގުނަސް "ވަކިވީ ކަލާގެ ސަބަބުން" ނުވަތަ "ކޮން ކުށެއްބާ މަށަށް ހުއްދަ ނޫން ކުރެވުނީ" ފަދަ ލަވަތަކުގެ މަސްތުގައި ޖެހިފައި ނުވާނެ މިއުޒިކާއި ލަވަޔަށް ޝައުގުހުރި އެއްވެސް ދިވެއްސަކު ނުހުންނާނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ގިނަ ބައެއްގެ އިހުސާސްތަކާ އެ ލަވަތައް ވަނީ ކުޅެލާފަ އެވެ.

ލަވަޔާ މިއުޒިކާ ގުޅޭގޮތުން އަޅުގަނޑާ އެންމެ ބޮޑު ގުޅުމެއް އުފެދުނީ 90ގެ ކުރީކޮޅު އެވެ. އެއީ މާލޭގައި އުޅުމަށް ފަހު އަޅުގަނޑު ރަށަށް ބަދަލު ވި ދުވަސްވަރެވެ. ނަސީރު އޭރު ހުރީ އޭރު އޭނާގެ މިއުޒިކު ގުރޫޕާއެކު ފުވައްމުލަކުގައި ޝޯތަކެއް ދިނުމަށް ގޮހެވެ. އެ ޝޯގައި އޭނާ ކި ލަވަތަކުގެ ތެރެއިން އަޅާއިގަތް ލަވަޔަކީ "ވަކިވީ ކަލާގެ ސަބަބުން" މި ލަވަ އެވެ.

އެ ލަވަ އަޑުއިވުމާއެކު ހަނދާނަށް އައީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްކަމުގައިވާ ރުކުމާ އައްޔަގެ މަތިންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑާ ރުކުމާ އައްޔައާ ދިމާވި އެވެ. އޭރު ހަދަމުން ދިޔަ ވެލައްސަރު ރިސޯޓުންނެވެ. އެރޭ އައްޔައާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އޭނާ ހަދަމުން ގެންދާ ލަވަތަކުގެ ވާހަކަ ވެސް ދެކެވުނެވެ. އެގޮތުން އޭނާ ހަދާފައި ހުރި ބައެއް ލަވަތައް ވޯކްމަނަކުން އަޑު އިއްވައި ދިނެވެ. އޭގެ ތެރެއިން ވަކިވީގެ ކަލާގެ ސަބަބުން މިލަވަ ހިމެނުނެވެ.

ނަސީރު ޝޯގައި އެ ލަވަ ކިއުމުން އެ ލަވަޔާ ބެހޭ ގޮތުން ސުވާލު ކުރީމެވެ. ނަސީރުގެ ޖަވާބަކީ ރައްޓެހި ކުއްޖަކު ގެނެސް ދިން ލަވައެއް ކަމަށެވެ. ހަމަ އެ ދުވަސްވަރު އަޅުގަނޑުގެ އެކުވެރިއެއް ކަމަށްވާ ތަލްވާރު އަބްދުލް މަޖީދު ވެސް ފުވައްމުލަކުގައި އުޅުނެވެ.

މަޖީދަށް އެ ލަވަ އިވިގެން މަޖީދު ބޭނުންވީ އެ ލަވަ މަހުރަބުގެ ވީޑިއޯ މުބާރާތުގައި ކުޅުމަށެވެ. މަޖީދު އެލަވަ އެ އަހަރުގެ މަހުރަބު ޕްރޮގްރާމުގައި ކުޅުމާއެކު ރުކުމާ އައްޔަ މައްސަލަ ޖެއްސި އެވެ. އެހެންކަމުން ޓީވީން ލަވަޔަށް ވަނައެއް ނުދެ އެވެ. އެހެނަސް ލަވައަށް ވަރަށް ގިނަ ބައެއްގެ ސަޕޯޓު ލިބުނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ރުކުމާ އައްޔަ އާއި އުމަރު ޒާހިރާއި އައްޔުމަން ޝަރީފު ފުވައްމުލަކަށް ޝޯއެއް ދޭން އަ އެވެ. އެ މީހުންނާއެކު ނަސީރު ވެސް އަ އެވެ. އެންމެންނަކީ ވެސް ރައްޓެހިންނަށް ވުމުން އެ މީހުންގެ ޝޯގެ ކަންތަކުގައި އުޅެން ޖެހުނެވެ. ޝޯ ޕްރެޒެންޓް ކުރަން ޖެހުނީ ވެސް އަޅުގަނޑަށެވެ. ވަކި ހިސާބަކުން ޚާއްސަ މެހްމާނެއްގެ ގޮތުން ނަސީރު ލަވައެއް ހުށަހަޅަން ޖެހިއްޖެ އެވެ.

އޭނާ ހުށަހެޅީ މައްސަލަ ޖެހިފައި އޮތް ވަކިވީ ކަލާ އެވެ. އެ ލަވަ އެނައުންސްކުރުމުގެ ކުރިން ރުކުމާ އައްޔަ އަޅުގަނޑު ގާތު ބުންޏެވެ. ވަކިވީ ކަލާގެ ރައިޓްސް ނަސީރަށް ދީފީމެވެ. ކީއްވެގެންހޭ އެހުމުން އައްޔަ ބުނީ ތިމަންނަޔަށް ވުރެ މާ ރީތި ކޮށް ނަސީރު އެ ލަވަ ކިޔާތީ އެވެ.

އެ ދަތުރު އަޅުގަނޑުޑުގެ ނޯޓު ފޮތް ނަސީރު ހޭވި އެވެ. އޭގައި ހުރި ލަވަތަކަށް އޭނާ ވަރަށް ޝައުގުވެރިވި އެވެ. އެ ލަވަތައް ބޭނުމޭ ބުނުމުން ހުރިހާ ލަވަތަކެއް ދިނީ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ލަވަތައް ހިމަނައިގެން "ހެދޭކުރި" ނަމުގައި ނަސީރު އޭނާގެ ފުރަތަމަ އަލްބަމް ރެކޯޑުކޮށް ދިވެހި ރާއްޖޭގެ އަޑަށް ވިއްކައިލި އެވެ. އޭގެ ގިނަ ލަވަތައް މަޝްހޫރުވި އެވެ.

ކަންދިމާވި ގޮތުން އޭގެ ފަހުން އަޅުގަނޑަށް އުޅެން ޖެހިފައި މިވަނީ އަބަދުވެސް ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް ލަވަކިއުމާއި ލަވަ ހެދުމުގެ ކަންތައްތަކުގައި ނަސީރު އަބަދުވެސް އަޅުގަނޑަށް ގުޅަ އެވެ. އާއިލާގެ އެންމެ ގާތް މީހުނަށް ވުރެ ވެސް ގިނައިން ނަސީރު އާ ވަހަކަ ދެކެވެ އެވެ. ވާހަކަ ނުދެކެވޭތާ އެއް ހަފުތާ ވެއްޖެނަމަ އެއީ ވަރަށް ގިނަ ދުވަހެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް ވައިބާ އިން ގުޅައި ވާހަކަ ދެކެވުނެވެ.

ތިން ކުދިންގެ ބައްޕަ ނަސީރު ދަންނަ ކޮންމެ މީހަކު ވެސް ދެބަސް ނުވާނޭ ފަދައިން ނަސީރަކީ ވަރަށް ހިތްހެޔޮ، ހިނިތުންވުމާއެކު ނޫނީ އެއްވެސް މީހަކާ ބައްދަލު ނުކުރާ މީހެކެވެ. ގިނަ ބަޔަކާ ގާތް ގުޅުން ބާއްވާ ނަސީރު ފާހަގަ ވެފައި ވަނީ ލަވަ ކިއުމުގެ ބޭނުމެއްގައި އޭނާގެ އެހީއަށް އެދޭ އެއްވެސް މީހަކަށް ނޫނެކޭ ނުބުނާ މީހެއްގެ ގޮތުގަ އެވެ. ކެމްޕޭނު ދުވަސްވަރާއި ޓީޗާސް ޑޭ ފަދަ އެކި އެކި މުނާސަބަތުތައް ފާހަގަކުރާ ދުވަސްވަރަކީ އޭނާ ވަރަށް ބުރަކޮށް އުޅޭ ދުވަސް ވަރެވެ. ލަވަ ކިއުމާ ރެކޯޑު ކުރުމާ ވީޑިއޯ ހަދައިދިނުން ފަދަ މަސައްކަތް ބުނި ކޮންމެ މީހަކަށް ވެސް ހިތުން ރުހުމުން ކޮށްދެ އެވެ.

އެންމެ ފަހުން ލަވައެއް ހައްދަން ނަސީރު ގުޅީ އޭނާގެ ވަރަށް ރައްޓެސެއްގެ މަރުގެ ހިތާމައިގަ އެވެ. އެ ލަވައިގެ ރެކޯޑިން ވެސް ފޮނުވި އެވެ. އަޑު އަހާލަން ވަރަށް ހިތްގައިމެވެ. އަސަރު ގަދަ އެވެ.

ފުވައްމުލަކާއި އައްޑުއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ކުޅަދާނަ ފަންނާނުގެ ކުއްލި ނިޔާވުމުގެ ޚަބަރު އަޅުގަނޑަށް ދިނީ އާއިލާގެ އެފަދަ އެހެން މެންބަރެކެވެ. އެވަގުތު އެ ވާހަކަ ކުއްލިއަކަށް ގަބޫލު ކުރަން އުނދަގޫވި އެވެ. އެހެނަސް ކޮންމެ މީހަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއްކަން އެނގޭތީ އެ ވާހަކަ ގަބޫލުކުރުމަށް ފަހު ފޯނު ބަލާލިއިރު މުޅި ސޯޝަލް މީޑިއާގައި އޮތީ އޭނާގެ ތައުޒިޔާ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނަސީރަކީ ކޮންމެ މީހަކާ ވެސް ހިނިތުންވެ ހުރެ ބައްދަލުކުރާ އެކުވެރިއެކެވެ. އޭނާގެ އަޑަށް ލޯބިކުރާ މީހުންނަށް ދެން އިތުރަކަށް އެ އަޑެއް އިވުމެއް ނެތެވެ.

ލަވަ އެއްރެކޯޑުކޮށްލާފައި ރަނަގަޅުހޭ އަހަން ދެން ނަސީރެއް ނުގުޅާނެ އެވެ. ލަވައެއް ހަދާފައި ކިޔޭތޯ ބަލާށޭ ކިޔާފައި މެސްޖުކުރަން ދެން ނަސީރެއް ނުހުންނާނެ އެވެ. އެހެނަސް އޭނާގެ ހަޔާތުގައި ދޫކޮށަފައި ދިޔަ އުފާވެރި ހަނދާންތަކަށް ނިމުމެއް ނާންނާނެ އެވެ. މާތްﷲ ނަސީރަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށި އެވެ. އާމީން!