ފްރާންސްގައި ވަޅިން ދިން ހަމަލާއެއްގައި ތިން މީހުން މަރާލައި، ގިނަ އަދަދެއްގެ މީހުން ޒަހަމް ވެއްޖެ އެވެ.
ފްރާންސްގެ ނީސްގައި ހުންނަ ނޮޓްރަ ދޭމް ޗާޗް ކައިރީގައި ދިން މި ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ފްރާންސުން ބުނެ އެވެ.
މި ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުން ފްރާންސްގެ ފުލުހުން ވަނީ އެވިގްނޮން ކައިރީގައި ބަޑިއަކުން އާންމުންނަށް ބިރުދައްކަމުން ދިޔަ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާ ކަން ޔަގީންކޮށްދީފަ އެވެ.
މީގެ އިތުރުން ސައުދީ އަރަބިއާގެ ޖިއްދާ ގައި ހުންނަ ފްރާންސްގެ ކޮންސިއުލޭޓް ބޭރުގައި ހުރި ސެކިއުރިޓީ ގާޑަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހަމަލާއާއި ގުޅިގެން ނީސް ސިޓީގެ މޭޔަރު ކުރައްވާފައިވާ ޓުވީޓެއްގައި ވާގޮތުން ހަމަލާދިން މީހާ ތަކުރާރުކޮށް "ﷲ އަކުބަރު" މިހެން ގޮވަމުން ދިޔަ ކަމަށެވެ.
"މިހުރިހާ ކަމަކުން ދޭހަކޮށްދެނީ މިއީ ޓެރަރިސްޓު ހަމަލާއެއްކަން،" މޭޔަރު ލިޔުއްވާފައިވެ އެވެ.
ފްރާންސްގައި މި ހަމަލާދިން އިރު، އެ ގައުމުން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައިފަ އެވެ. އަދި އެކަމާ ގުޅިގެން މުސްލިމުންގެ ރުޅިވެރިކަން ބޮޑުވެ، އަރަބި ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ފްރާންސްގެ އުފެއްދުން ބޮއިކޮޓްކުރަން ދަނީ ގޮވާލަމުންނެވެ.