ތުރުކީއަށް 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

އިސްތަންބުލް އިން ފެށިގެން ގްރީސްގެ އެތެންސް އާއި ހަމަޔަށް އަސަރުފޯރި މި ބިންހެލުން އައިސްފައި ވަނީ ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީގެ ރިސޯޓް ސިޓީއެއް ކަމަށްވާ އިޒްމީރް ކައިރިއަށެވެ.

މި ހާދިސާގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ އިރު 120 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި ވިއްސަކަށް އިމާރާތް ވެސް ވަނީ މުޅިން ބިމާ ހަމަވެފަ އެވެ.

ތުރުކީ ސަރުކާރުގެ ޑިސާސްޓަ އެޖެންސީއިން ރިކޯޑް ކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ 6.6. މެގްނިޓިއުޑެވެ. އަދި ބިންހެލުން އައިސްފައި ވަނީ ބިމުގެ 16،5 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ހާލަތުގައި ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެސް ފޯރިކޮށްދިނުމަށް ހުންނެވީ ތައްޔާރަށެވެ.

ތުރުކީ އަކީ ދުނިޔޭގެ އެންމެ ބިންހެލުންތައް ގިނަ ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެއްގައި އޮންނަ ގައުމެކެވެ.

އެގޮތުން 1999 ވަނަ އަހަރު އެ ގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދަކަށް، 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 17،000 މީހުން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން 2011 ވަނަ އަހަރު އައި ބިންހެލުމެއްގައި 600 މީހުންވަނީ މަރުވެފަ އެވެ.