އައްޑޫ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލެއްގެ ކާރުގައި އަލިފާން ރޯކޮށްލައިފި އެވެ.

ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަބްދުﷲ އިހްސާންގެ ކާރުގަ އެވެ. ރޭ ފަތިހުގެ ވަގުތެއްގައި ކާރު ރޯކޮށްލާފައި ވަނީ ކާރުގެ އެތެރެއަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށްވެ އެވެ.

ނަމަވެސް އަލިފާން ރޯކޮށްލިތާ މާގިނައިރެއް ނުވެ އާންމުންގެ ބަޔަކު ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަލިފާންގަނޑު ރޯވުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. މިކަން ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

މިކަން ހިނގާފައިވަނީ ކުރީ ސަރުކާރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގު ފަރާތާއި އިރުމަތީ ފާރާތުން ބިންތަކެއް ދޫކޮށްފައިވަނިކޮށް، އެބިންތައް ސިޓީ ކައުންސިލުން އަނބުރައި ނެގި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލަ ބެލުމަށް ކޯޓަށް ހުށަހަޅާފައިވާއިރު، ކައުންސިލްގެ ފަރާތުން މައްސަލަ ތަމްސީލްކުރި ވަކީލުންގެ ތެރޭގައި އިހްސާން ވެސް ހިމެނެ އެވެ.