ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާހޯދަމުން ގެންދަނިކޮށް މިއަދު މަރުވީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދު ހެނދުނު 7:10 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިމަހު މަރުވި ދެވަނަ މީހާ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 252 އަށް އަރާފަ އެވެ.

މިދިޔަ މަސްތަކުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 100 މީހުންނެވެ. މިއާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 91،993 އަށް އަރާފަ އެވެ. އަދި މިވަގުތު މި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 17 މީހުންނެވެ.