ޚަރްތޫމް (06 ޑިސެމްބަރު) - 2023 ވަނަ އަހަރަށް ތާވަލު ކުރެވިފައިވާ ސޫދާނުގެ ރިޔާސީ އިންތިހާބަށްފަހު އެ ގައުމުގެ އަސްކަރިއްޔާއިން ވެރިކަން ހިންގުމާ ދުރަށްދާނެ ކަމަށް މިވަގުތު ވެރިކަމާ ހަވާލުވެ ހުންނެވި އަސްކަރިއްޔާގެ ޗީފް ޖެނަރަލް އަބްދުލް ފައްތާހު އަލް ބުރުހާން ވިދާޅުވެއްޖެ އެވެ.

ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުރުހާން އިތުރަށް ވިދާޅުވީ އިންތިގާލީ މަރުހަލާއާއި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ވެސް ކުރިން އެގައުމުގައި ވެރިކަންކުރި ޕާޓީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު އަސްކަރީ ބަޣާވާތަކުން ސަރުކާރު ވައްޓާލައި ބުރުހާން ވެރިކަމަށް އިސްވެފައިވާއިރު މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ވަނީ ކުރީގެ ސަރުކާރުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކްއާއެކު ސަރުކާރު ހިންގުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ.

"އާ ސަރުކާރެއް އިންތިހާބު ވުމާއެކު އަސްކަރިއްޔާއާއި އަސްކަރިއްޔާގެ އޮފިޝަލުން ވެސް ސަރުކާރު ހިންގުމުގައި ބައިވެރިވާނެ ކަމަކަށް ނުދެކެން،" ބުރުހާން ވިދާޅުވި އެވެ.

މަދަނީ ޕާޓީތަކުގެ ކޯލިޝަނަކުން ވެރިކަން ކުރަމުން އައި ސަރުކާރު ވައްޓާލި އަސްކަރީ ބަޣާވާތް ދުނިޔޭގެ އެކި ގައުމުތަކުން ކުށްވެރި ކޮށްފައިވާއިރު އެ ސަރުކާރާ ދެކޮޅަށް ސޫދާނުގައި ގިނަ މުޒާހަރާތަކެއް ވެސް ވަނީ ހިންގާފަ އެވެ.

މި މުޒާހަރާތަކުގައި 44 މީހުން މަރުވެފައިވާއިރު ގިނަ މީހުން މަރުވެފައިވަނީ އަސްކަރިއްޔާއިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންނެވެ. ބުރުހާން ވިދާޅުވީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރި އޮފިސަރުން ފާހަގަކޮށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަސްކަރިއްޔާއިން ހުއްޓުވާފައިވާނީ ހަމަނުޖެހުން ހިންގި މުޒާހަރާތައް. އެކަމަކު ނަހަމަ ގޮތުގައި އެ އަމަލުތައް ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ބުރުހާން ވިދާޅުވި އެވެ.

ބުރުހާން ވަނީ އަންނަ 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް މީގެ ކުރިން އިއުލާން ކުރައްވާފަ އެވެ. – އަލް އަރަބިއްޔާ