ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ އަލަތު ކައިވެނީގެ ވާހަކަތަކަކީ މިހާރު މުޅި ބޮލީވުޑްގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެވެ.
މި ދެ ފަންނާނުން ވެސް އެ މީހުންގެ ކައިވެނިކުރުމަށް ރާވާފައި ވަނީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ކައިވެނި ހަފްލާ ބޭއްވުމަށް އެ ފަންނާނުން ވަނީ މާ ކުރިންސުރެ ވެސް ކައިވެނިކުރާ ތަން ނަގައި ފައިސާ ދައްކާފަ އެވެ.
ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތަނަށް ގިނަ އަދަދެއްގެ ގެސްޓުން ދިޔަ ނަމަވެސް އެ މީހުން ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ކޮށްފައިވާ އިންތިޒާމް ސިފަކުރަނީ ބޮޑު ބޮލުގަ ރިހުމެއްގެ ގޮތުގަ އެވެ.
މިގޮތުން ކައިވެންޏަށް ދާ ކޮންމެ ގެސްޓަކަށް ވެސް އެހާމެ ގަވާއިދު ބޮޑުކޮށްފައިވާކަން ފާހަގަކޮށް ގިނަ މެހެމާނުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.
އޭގެ ތެރޭގައި ކައިވެނި ނިމެންދެން ވެސް ކައިވެނި ކުރެވޭ ސަރަހައްދުގައި އެއްވެސް ގޮތަކަށް ފޯނު ނުގެންގުޅެވޭނެ ކަމަށާއި، ކަނޑައަޅާފައިވާ ގަވާއިދުތަކަށް ސަމާލުވެ ކައިވެނީގެ ކަންކަން އާންމުންނަށް ހިއްސާނުކުރުމަށް އެއްބަސްވެ ވަކި ހާއްސަ އެގްރީމެންޓެއްގައި ވެސް މެހެމާނުން ލައްވައި ސޮއިކުރުވާ ކަމަށްވެ އެވެ.
އެހެންނަމަވެސް ކައިވެނީގެ ދުވަސް ކައިރިވާ ވަރަކަށް ހަފްލާގެ އެކި މައުލޫމާތުތައް އާންމުންނަށް ދަނީ ފަޅާއަރަމުންނެވެ. މިގޮތުން ރާޖަސްތާނުގައި ކައިވެނީގެ ހަފްލާއަށް ރެޑީވަމުންދާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ސޯޝަމީޑިޔާގައި މިހާރު ވަނީ ދައުރުވާންފަށާފަ އެވެ. އޭގެ އިތުރުން ކައިވެނީގެ ދައުވަތުކާޑު ވެސް ވަނީ އާންމުވާން ފަށައިފަ އެވެ.
އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ދެތަރިން ވަނީ ކައިވެންޏަށް ފަހުގައި ހަނީމޫނަށް ރާއްޖެ އަންނާނެކަމުގެ އިޝާރާތެއް ވެސް ކޮށްފަ އެވެ.