އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ހަތަރު ހަފްތާއަށް ލޮކްޑައުންކުރަން ނިންމައި، އެކަން އެގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިއުލާނުކުރައްވައިފި އެވެ.

ދެވަނަ ފަހަރަށް ލޮކްޑައުންކޮށްފައި މިވަނީ ޔޫކޭއިން ރިޕޯޓުކުރި ކޮރޯނާވައިރަހުގެ ކޭސްތައް އެއްމިލިއަނަށް ވުރެ އިތުރުވެފައި ވަނިކޮށެވެ.

މަސްދުވަހަށް ދެމިގެންދާނެ މި ލޮކްޑައުން ފެށުމަށް ހަމަޖެހިފައިވަނީ މިފެށޭ ހަފްތާގެ ތެރޭގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނަގާ ވޯޓަކަށް ފަހު، ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން މިކަން އިއުލާނުކުރަން ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ. އެހެން ނަމަވެސް ސަރުކާރުގެ މި ޕްލޭނާ ގުޅޭ ލިޔެކިޔުންތައް ލީކްވެ، ނޫސްތަކަށް މި ހަބަރު އެރުމުން ބޮޑު ވަޒީރަށް ޖެހިވަޑައިގަތީ ލަސްނުކޮށް މިކަން އިއުލާނު ކުރެއްވުމަށެވެ.

ލޮކްޑައުންކުރުމާއެކު ހެއާ ސެލޫން، ޖިމް، ބާ އަދި ރެސްޓޯރެންޓްތައް ވެސް ބަންދުވާނެ އެވެ. އެހެން ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ލިބޭނެ އެވެ.

އެހެން ލޮކްޑައުންތަކާ ހިލާފަށް މި ފަހަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދެއް ނުކުރާނެ އެވެ. އަދި މީހުންނަށް ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ސްކޫލަށް ނުވަތަ ވަޒީފާއަށް ދިއުމަށް، ކޮންމެހެން ކުރަންޖެހޭ ވިޔަފާރި ކުރުމަށް، ކަސްރަތު ކުރުމަށް ނުވަތަ ސިއްހީ މައްސަލައެއް ދިމާވެގެންނެވެ.

މިފަހަރުގެ ލޮކްޑައުން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެ އެވެ.