މިއަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 162 މިލިއަން ރުފިޔާ އެބަހުރި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކޮންމެ ކުއާޓާއެއްގައި ވެސް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓުތައް އާންމުކުރާއިރު، އެ ބޯޑުން މިފަހަރު ނެރުނު ބަޔާނުގައި ވަނީ އާރްޑީސީން ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް 162 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ބުނެފަ އެވެ.

އެ ބޯޑުން ބުނާގޮތުގައި އާރްޑީސީން މާލީ އިލްތިޒާމްގެ ޖުމްލަ އަދަދުގެ ބޮޑުބަޔަކީ ފަހުން ފައިސާ ދައްކަންޖެހޭ ގޮތަށް ދައްކަން ހޯދާފައިވާ ހިދުމަތާއި މުދަލުގެ އަގެވެ. އެގޮތުން ކުންފުނީގެ މާލީ އިލްތިޒާމްތަކުގެ ޖުމްލަ އަދަދުގެ 91 އިންސައްތައަކީ ދަރަނީގެ ގޮތުގައި ހޯދާފައިވާ ހިދުމަތާއި މުދަލުގެ އަގުކަމަށް އެބޯޑުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުންފުނި ހިންގުމަށް ކުރާ ހަރަދުތައް ބޮޑުވެފައިވާއިރު، ކުންފުނީގެ ހިންގުމުގެ ހަރަދަށް އެކަނި ވެސް 24.4 މިލިއަން ރުފިޔާ އަރާފައިވެ އެވެ. މިއާއި އެކު ކުންފުންޏަށް ދެވަނަ ކުއާޓާގައި ޖުމްލަ 15.59 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް އެބޯޑުން ބުނެފައިވެ އެވެ.