ބޮލީވުޑްގައި 2000ގެ ކުރީކޮޅު އެންމެ ވިދާލި އެއް ބަތަލެއްގެ ގޮތުގައި ޖޯން އަބްރަހަމް ހިމެނެ އެވެ. އޭނާއަކީ އޭނާގެ ރީތިކަމާއި މޮޅު އެކްޓިން އިން އެތަކެއް އަންހެނުންނެއްގެ ހިތް ދަމައިގެން ފިރިހެނެކެވެ.

ޖޯން ވަނީ ގިނަ ހިޓް ފިލްމުތަކެއް ކުޅެދީފަ އެވެ.

އޭނާ އާއި އެކު ބިޕާޝާ ބާސޫ ލޯބީގެ ގޮތުން ގުޅުނުއިރު، ބިޕާޝާ އާއި ޖޯންގެ ޖޯޑު ވެގެންދިޔައީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބުނު ޖޯޑަކަށެވެ. އެހެން ނަމަވެސް ދުވަސްތަކަކަށްފަހު އެދެ މީހުން ވަކިވުމުން ގިނަ ބަޔަކު އެކަމާއި ނުރުހުން ވެސް ފާޅުކޮށްފައިވެ އެވެ. އެހާ ވެސް އެދެމީހުންގެ ޖޯޑަށް މީހުންގެ ސަޕޯޓު ލިބުނެވެ.

ގިނަ މީހުން ހީކުރީ ޖޯން އިންނަން އެންމެ ބޭނުންވީ ބިޕާޝާ ބާސޫއާއި ކަމަށެވެ. އެކަމަކު އެއީ އަދި މުޅިން ތެދު ހަބަރެއް ނޫނެވެ. ބިޕާޝާ ބާސޫއާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން، ޖޯން އެހެން މީހެއްދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި އޭނާ އާއި އިންނަން ވެސް ވަރަށް މަސައްކަތް ކުރި އެވެ.

މިގޮތުން ޖޯން އެންމެ ލޯބިވިކަމަށް އޭނާ ބުނާ އަންހެނަކީ ރީއާ ސެން އެވެ.

ރީއާ ސެން. ފޮޓޯ: ސްޓާޒް އަންފޯލްޑެޑް

ޖޯންއަށް އެންމެ ފުރަތަމަ ރީއާ ފެނުނީ މޮޑެލްކުރަން އުޅުމުގެ ތެރެއިންނެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ރީއާ ސެން ވަނީ އޭނާގެ ކެރިއަރަށްޓަކައި ޖޯންއާ ވަކިވެފަ އެވެ. އޭރު ޖޯން ވެސް ބޮލީވުޑަށް ޑެބިއުޓްކުރުމަށް ވަނީ ނިންމާފަ އެވެ.

ކަންދިމާވިގޮތުން، ބޮލީވުޑްގައި ރީއާގެ ފިލްމުތަކެއް ނުހިނގުނެވެ. އެހެންނަމަވެސް ޖޯން އަބްރަހަމްގެ މޮޅު އެކްޓިންއާއެކު ޖޯން މަޝްހޫރުވެ، ގިނަ ހިޓް ފިލްމުތަކެއް ބޮލީވުޑަށް އޭނާ ވަނީ ކުޅެދީފަ އެވެ. މިއަދު ޖޯންއަކީ އެންމެންގެ ހިތުން ވެސް ފިލުވައިނުލެވޭނެ ފަދަ މަޝްހޫރު ފަންނާނެކެވެ.