ކުރީގެ ސަރުކާރުން މާލޭގައި 25 ބުރިއަށް އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ބެލެހެއްޓުމުގެ މަސައްކަތް 20 މިލިއަން ރުފިޔާއަށް ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލު މަރާމާތުގެ ކުރުމުގެ މަސައްކަތް ތިން އަހަރުގެ މުއްދަތަށް ހަވާލުކޮށްފައިވަނީ އެ ހޮސްޕިޓަލް އެޅި ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނާއި ތުރުކީގެ ޓާމެކްސް ކުންފުންޏާ ކަމަށެވެ.

ޓާމެކްސްއަކީ ޓްރީޓޮޕް ހޮސްޕިޓަލާއި ސައޫދީގެ ރަސްގެފާނުގެ ހިލޭ އެހީގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު މާލޭގައި އިމާރާތް ކޮށްފައިވާ މިސްކިތުގެ މަސައްކަތް ކުރި ކުންފުނީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތައް ވެސް ސަފްލައި ކޮށްދިން މީހުންނެވެ.

ގާތްގަނޑަކަށް 15.7 މިލިއަން ރުފިޔާއަށް ދަރުމަވަންތަ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ސިސްޓަމްތައް ހިމެނޭ ގޮތަށް، އެ ތަނުގެ މެއިންޓަނެންސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޝަންހުއާ އެވެ. މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސް މަސައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް ޓާމެކްސްއާ އެވެ.

މިމަސައްކަތްތައް މި ދެކުންފުންޏާ ހަވާލުކޮށްފައިވަނީ އައިޖީއެމްއެޗް އެދުނު ގޮތަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޓާމެކްސްއާ ހަވާލުކުރީ ކުރިން ކޮށްފައިވާ ކަންކަމުގެ ފެންވަރު އެންމެ ރަނގަޅަށް ހިފެހެއްޓޭނީ އެ ކުންފުންޏަށް ކަމަށް ވާތީކަމަށާއި އިމާރާތުގެ މެއިންޓަނެންސްގެ މަސައްކަތްތައް ޝަންހުއާއާ ހަވާލުކުރީ އެފަދަ އިމާރާތެއްގެ މެއިންޓަނެންސްގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން އެހެން ކުންފުންޏެއްގެ ނެތުމުން ކަމަށެވެ.