"އިންޑިއާ އައުޓް" ހަރަކާތަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެ ކެމްޕެއިންގައި ބައިވެރި ނުވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ނާޒިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ،

ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ވަކި ބޭފުޅަކު, އެ ބޭފުޅެއްގެ ސަރުކާރުގަ ހިންގާފައި ހުރި އެކި ކަންކަން ފޮރުވައި މަތިއަޅަން ހިންގާ ކެމްޕޭނެއްކަމަށެވެ. އެގޮތުން އެއީ ރައީސް ޔާމީން ގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ގޮތުގައި ނާޒިމް ސިފަ ކުރެއްވި އެވެ.

"އެއީ ގައުމީ ކެމްޕޭނެއް ގޮތަކު އަޅުގަނޑުމެން ނުދެކެން، އެއީ ދިވެހި އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއް، އޭގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އަޅުގަނޑުމެން އިލްތިމާސް ކުރަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ޤައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް އުޅުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި, ހުކުރު ދުވަހުގައި ކ.އަތޮޅު ގުރައިދުއަށާއި, ތުލުސްދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީންވަނީ "އިންޑިއާ އައުޓް" ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު އެ މަނިކުފާނު ހުންނެވީ "އިންޑިއާ އައުޓް" ޖަހައިފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ.