މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ވަކި ހިތްޕައިގެން ތިބުމާ ދެކޮޅަށް އަޑު އުފުލައިގެން ނުވާނެއެވެ. އެމަނިކުފާނުގެ ނަޒަރުގައި މިހާރު ހިނގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާ އެކެވެ. އިންޑިއާ އައުޓު ކެމްޕޭނަކީ ޖަރީމާއެއް ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ތިބުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވާން ނާޒިމަކަށް ކެރިވަޑައެއް ނުގެންނެވި އެވެ. އެ މައުލޫގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހި ރައްޔިތުން ދެކޮޅު ހަދާ ކަމަކަށް ވާތީ އެމީހުން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ.

ސީދާ ރައީސް ކަމަށް އަމާޒުކޮށް އުފައްދާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމްގެ އިތުރުން އެ ޕާޓިގެ އެހެން ބައެއް ލީޑަރުން ވެސް އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. އެ ހުރިހާ ބޭފުޅުންގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ ރައީސް ރައީސް އަބްދުﷲ ޔާމީން އިންޑިއާ އައުޓް ކެމްޕާނުގައި ބައިވެރިވެ ވަޑައިގެންނެވުމެވެ. އެ ބޭފުޅުން ތަކުރާރު ކޮށް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑު ކަނޑުވާލުމަށްޓަކައި އިންޑިއާ އައުޓުގެ ކެމްޕޭން ވަރުގަދަ ކުރައްވަނީ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގަވާ ހަރަކާތަށް ކިތަންމެ ވަރަކަށް ފާޑު ވިދާޅުވި ކަމަށް ވިޔަސް މޯލްޑިވްސް ނެޝަނަލް ޕާޓިގެ އެއްވެސް ލީޑަރަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނެ ކަމަށް ވިދާޅުވާކަށް ކެރިވަޑައެއް ނުގެންނެވި އެވެ. އެހެން ކަމުން މިވަގުތު ހިނގަމުންދާ ހަރަކާތްތަކާ އެބޭފުޅުން ދެކޮޅު ހައްދަވާ ހެއްދެވުން ބޮޑަށް ސިފަވަނީ ރައީސް ޔާމީން އެކަން ކުރައްވާތީ އޮތް ނުތަނަވަސްކަމެއްގެ ސަބަބުން ދައްކަވާ ވާހަކަތަކަކާ އެވެ.

އެކަން އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއް ވާހަކައަކީ ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އަމާޒު ކުރައްވައި އެމްއެންޕީގެ އިސް ވެރިއެއް ކަމަށްވާ އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅެވެ.

ޑރ. ޖަމީލަށް އަމާޒު ކުރައްވައި ރިޔާޒު ވިދާޅުވީ ޑރ. ޖަމީލް ތެދު ބަހުން ވާހަކަފުޅު ދައްކަވަން ދަސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާޒުގެ މި ހަމަލާ ޑރ. ޖަމީލަށް އަމާޒުވީ ސުޕްރީމް ކޯޓުގެ ހުމުކުން މީހަކު މައުސޫމް މީހެއް ކަމުގައި ނިންމީމާ ވެސް އެ މީހެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގެ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލައްވައި ޑރ. ޖަމީލް ދެއްވި ނަސޭހަތަކާ ގުޅިގެންނެވެ.

އިންޑިއާ ސިފައިން ފައިބަން ގޮވާ ހަރަކާތަކީ ގައުމީ ހަރަކާތެއް ނޫން ކަމަށް ބުނެ އެ ހަރަކާތުގައި އެއްވެސް ބަޔަކު ބައިވެރި ނުވުމަށް އެމްއެންޕީ އިން ގޮވާލުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމާ ދެކޮޅު ހަދާ އެންމެން ފެއިލް ވާނެ ކަމަށެވެ. ބަޔަކު ދެކޮޅުހެދިކަމުގައި ވިޔަސް އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމުގައި ފޭސްބުކްގައި އުމަރު އާންމު ކުރެއްވި ލިޔުމެއްގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އިންޑިއާގެ އެތައް ސަތޭކަ ސިފައިންނެއް ގާއިމްވެ އެބަ ތިއްބެވެ.

އެ މީހުންގެ މައްޗަށް ދިވެހި ސަރުކާރުގެ އަމުރެއް ނުހިނގަ އެވެ. އެކަމާ ދެކޮޅު ހަދާ ދިވެހިންގެ އަދަދު ވަރަށް މައްޗެވެ. އެފަދަ ގިނަ ބަޔަކާއެކު ސިޔާސީވެރިން ހިންގާ ހަރަކާތް މިހަރު މިވަނީ ފުޅާވެފަ އެވެ. މިކަމުގައި އިސްކޮށް ފެންނަނީ ޕީޕީއެމް އާއި ޕީއެންސީ ކަމަށް ވިޔަސް އެދެ ޕާޓީއަށް ނިސްބަތް ނުވާ އެތައް ސަތޭކަ ރައްޔިތުންނެއް ވެސް މިކަމަށް ތާއީދުކުރެ އެވެ.

ހަގީގަތުގައި ކާނަލް ނާޒިމާއި ރިޔާޒަށް ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެންވާނެ ކަމަކަށް ވިދާޅުވާކަށް ކެރިވަޑައެއް ނުގެންނެވި އެވެ. އެހެނަސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތް ޖަރީމާއެއް ކަމަށް އެ ބޭފުޅުންނަށް ސިފަވަނީ އެ ބޭފުޅުންނާ ޚިޔާލު ތަފާތު ސިޔާސީ ލީޑަރަކު އެ ހަރަކާތުގައި މިވަގުތު އިސްކޮށް ހުންނެވުމުން ކަމަށް ވެދާނެ އެވެ.