ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަކީ 2003 ވަނަ އަހަރުން ފެށިގެން އޭނާގެ ރީތިކަމާއި ހުނަރުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އަދި އެކި ކަންކަމަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދައްކާ ކަންކަމަށް ކުރިމަތިލުމަށް ބާރުއަޅައި ގޮވާލާ މީހުންގެ ތެރޭގައިވެސް ޕްރިޔަންކާ ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ކުރި މުހިންމު ކަމެއް ހިއްސާކޮށްފަ އެވެ.

ޕްރިޔަންކާ ބުނާގޮތުން، މީހަކު އެއްޗެކޭ ނުބުނާނެ ގޮތަކަށް އުޅުމަކީ ވާނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް، އެކަމުން މީހުންގެ ފާޑުކިޔުންތައް އަމާޒުވާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީހުންގެ ފާޑުކިޔުންތަކަކީ ގިނަ މީހުންނަށް ކުރިއަށް ނުދެވުމުގެ އަސްލަކަށްވެސް ހިނގައިދެ އެވެ. މިކަން ފާހަގަކޮށް ޕްރިޔަންކާ ބުނީ، އޭނާގެ ހަޔާތުގައިވެސް ކުރިއެރުން ލިބުނު ދުވަސްތަކުގައި މީހުންގެ ފާޑުކިޔުންތައް އަމާޒުވިކަމަށެވެ. އަދި ވަކި ގޮތަކަށް ކަންކަން ކުރުމަށާއި، އެމީހުންގެ ހިޔާލާއި ލަފަޔާ އެއްގޮތަށް ކުރިއަށްދިއުމަށް ބުނެދީ ހެދިކަމަށެވެ.

އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އޭނާ އަހަންމިއްޔަތުކަމެއް ނުދީ ބީރު ކަންފަތެއް ދިންކަމަށާއި، މީހުންގެ ވާހަކަތަކާއި އެމީހުން ބުނާގޮތް ހެދިނަމަ، މިއަދު އޭނާގެ މަންޒިލަށް ވާސިލްވުމަކީ ދުރު ކަމެއް ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރަށް ޕްރިޔަންކާ ބުނީ، ކޮންމެ މީހަކުވެސް، އެމީހެއްގެ މިންނެތް މަސައްކަތުން އެމީހަކު ދާން ބޭނުންވާ މަންޒިލަށް ދެވޭނެކަމަށެވެ. އަދި އެމަންޒިލަށް ދިއުމަށް ކުރާ ދަތުރުގައި އެހެން މީހުން އެދޭ ގޮތްގޮތަށާއި، ލިބޭ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިނުމަށްވެސް ޕްރިކަންކާ ނަސޭހަތްތެރިވެފައިވެ އެވެ.